2 ޑިސެންބަރު 2024 - 10:35 0
އަހުމަދު އާއިދު
އުތުުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ޗައިނާގެ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ސޮއިކުރި އެމްއޯޔޫ އެކްސްޗޭންޖްކުރަނީ. ފޮޓޯ: އެސްޓީއޯ
2 ޑިސެންބަރު 2024 - 10:35 0
އިންޑިއާގެ ސަރުކާރުން އަސްކަރީ ބަނދަރެއް އެޅުމުގެ މަސައްކަތް ކުރާ އުތުރުތިލަފަޅުގައި ޗައިނާ ކުންފުންޏަކަށް ހިންގަން ދިން ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއު ރަސްމާލެއަށް ބަދަލުކޮށްފި އެވެ.
އުތުރުތިލަފަޅުގައި މި މަޝްރޫއު ހިންގަން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (މިޑް ފްރީ ޒޯން) އިން ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މާޗު 28، ގަ އެވެ. މަޝްރޫއުގެ މަސައްކަތް މި މަހު ފެށޭނެ ކަމަށް އޮގަސްޓު 25، ގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މަޝްރޫއު ހިންގާ މިޑް ފްރީ ޒޯން ކުންފުންޏަކީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް އެކުވެގެން އެކުލަވާލި ކުންފުންޏެކެވެ. އެސްޓީއޯ، އެމްއޭސީއެލް، އެމްޕީއެލް، އެމްޓީސީސީ އަދި އެޗްޑީސީ އާ ގުޅިގެން އުފެއްދި މި ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.
މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކުރަން ނިންމިކަން ޝިމާދު އިއުލާނުކުރެއްވީ، "ދައުރު" ނޫހަށް މިދިޔަ ހަފުތާ ދެއްވި އިންޓަވިއުއެއްގަ އެވެ. އޭނާ ވިދާޅުވީ މަޝްރޫއު ލަސްވީ އެކަމަށް ބޭނުންވާ ބިން ނުވަތަ ފަޅު ނުލިބިގެން ކަމަށެވެ.
ނަމަވެސް ސަރުކާރުން މީގެ ކުރިން ބުނަމުންދިޔައީ އެކަން ކުރަން އުތުރުތިލަފަޅުން ބިން ހަމަޖައްސާފައިވާ ކަމަށެވެ. އެމްއޯޔޫގައި ސޮއިކުރީވެސް އެ ފަޅު ހިއްކައިންގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.
"ރަސްމީކޮށް މިހާރު ވަނީ ފުށިދިއްގަރު ފަޅު އެ މަޝްރޫއަށް ހަމަޖެހިފައި. ބިން ހިއްކުމާ މިކަންކަމަށް ކުރަން ޖެހޭ ފީސިބިލިޓީ އާއި އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމަންޓް އަދި ޕްލޭނިން ސްޓޭޖުގައި މިހާރު މި އުޅެނީ. ވަރަށް އަވަހަށް މަސައްކަތްތައް ފެށޭނެ،" ޝިމާދު ދައުރު ނޫހާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
މިކަމުގެ އިތުރު ތަފުސީލު ހޯދަން މި ނޫހުން ގުޅުމުން ޝިމާދު ފޯނަށް ޖަވާބުދެއްވާފައެއް ނުވެ އެވެ. އެހެންކަމުން ދަނޑުވެރިކަމުގެ މަޝްރޫއަށް ބިން ކަނޑައަޅަނީ ރަސްމާލެ އަށް ހިއްކާ ބިމުގެ ތެރެއިންކަން ނުވަތަ އިތުރު ބިމެއް ހިއްކައިގެންކަން އަދި ޔަގީނެއް ނޫނެވެ.
ފުށިދިއްގަރުފަޅު ހިއްކާ ރަސްމާލޭގެ ގޮތުގައި ތަރައްގީކުރަން މިދިޔަ ޑިސެމްބަރު މަހު ބިން ހިއްކުމުގެ މަޝްރޫއެއް ފެށި އެވެ. ނަމަވެސް ސަރުކާރުގެ ޕްލޭންތައް ފެއިލްވެ، ހިއްކަން ނިންމާފައިވާ 1100 ހެކްޓަރުގެ ތެރެއިން މިހާތަނަށް 50 ހެކްޓަރުވެސް ހިއްކިފައެއް ނުވެ އެވެ. ދަނޑުވެރިކަމުގެ މަޝްރޫއަށް 200 ހެކްޓަރު ބޭނުންވާ ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ތަރައްގީކުރުމާއި ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ގާއިމްކުރުން ހިމެނޭ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.
އެސްޓީއޯ އިން މީގެކުރިން ބުނި ގޮތުގައި ތަރުކާރީ އާއި މޭވާ އުފެއްދުމަށް ހާއްސަ ބަޔަކާއި, ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ތަމްރީނުކުރާ ބައެއް ވެސް ދަނޑުވެރިކަމުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ގާއިމްކޮށް ނިމޭ އޮރު އޮންނާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment