Advertisement

ޗައިނާގައި އެހެން ގައުމުތަކުގެ ފޯނުތައް ވިކުން މަދުވަނީ

2 ޑިސެންބަރު 2024 - 08:20 0

ޗައިނާ ދެމީހަކު ސްމާޓްފޯނު ބޭނުންކުރަނީ. އެގައުމުގައި އެހެން ގައުމުތަކުގެ ފޯނުތައް ވިކޭވަރު ދަނީ މަދުވަމުން. ފޮޓޯ: އޭއެފްޕީ


ޗައިނާގައި އެހެން ގައުމުތަކުގެ ފޯނުތައް ވިކުން މަދުވަނީ

2 ޑިސެންބަރު 2024 - 08:20 0

އެހެން ގައުމުތަކުގެ ސްމާޓް ފޯނުތައް ޗައިނާގައި ވިކޭ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެ ގައުމުގައި ކުރި ސާވޭއަކުން ދައްކައިފި އެވެ.

ޗައިނާ ސަރުކާރާ ގުޅުން އޮންނަ ރިސާޗްފާމަކުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މަޝްހޫރު އެޕަލް ބްރޭންޑް ވެސް ހިމެނޭ ގޮތުން އެހެން ގައުމުތަކުގެ ބްރޭންޑްތައް ޗައިނާގައި ވިކޭ އަދަދު ކޮންމެ އަހަރަކު 44.25 ޕަސެންޓުން ދަށް ވެ އެވެ.

ޗައިނާގެ އެކަޑަމީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އިން އާއްމުކުރި ހިސާބުތަކުން ދެއްކި ގޮތުގައި އެ ގައުމުގައި ބޭރުގެ ބްރޭންޑްގެ ސްމާޓް ފޯނު ވިކުނު އަދަދު މިދިޔަ މަހު ވަނީ 6.22 މިލިޔަނަށް ދަށް ވެފަ އެވެ. މީގެ ކުރިން އެ އަދަދު ހުރީ އަހަރަކު 11.249 މިލިޔަނުގަ އެވެ.

ޗައިނާގައި ބޭރުގެ ފޯނުތައް ވިކޭ އަދަދު ދަށަށް މި ދިޔައީ އެގައުމުގެ ޓެކް ކޮންގޮލްމަރޭޓް، ވާވޭ އެ ގައުމުގެ ބާޒާރުގައި އެންމެ ވަރުގަދަ ބްރޭންޑްގެ މަގާމު ހޯދުމުންނެވެ.

ޗައިނާގެ ބާޒާރުގައި ވާވޭއަށް މިދިޔަ އަހަރު ބޮޑު މަޝްހޫރު ކަމެއް ލިބުނީ އެ ކުންފުނިން ނެރުނު، މޭޓް 60 ޕްރޯއާ އެކުގަ އެވެ. އެއީ ޗައިނާގައި މީގެ ކުރިން އުފެއްދި އެއްވެސްް ސްމާޓް ފޯނެއްގައި ބޭނުންކޮށްފައި ނުވާ ފަދަ ޗިޕަކާ އެކު ނެރުނު ފޯނެކެވެ.

ޗައިނާގައި ވާވޭ ބްރޭންޑްގެ ފޯނުތައް ވިކޭވަރު އިތުރުވީ އަމިއްލަ ގައުމުގެ ޓެކްނޮލޮޖީއަށް އިސްކަންދޭ، އެހެން ނަމަވެސް މޮޅު ޓެކްނޮލޮޖީ ބޭނުންވާ މީހުންގެ ބޭނުންތަކާ އެކަށީގެންވާ ވަރަށް ވާވޭ ކުރި އެރުމުންނެވެ. އަލަށް ވާވޭއަށް ބަދަލުވި އެކަހަލަ ގިނަ މީހުން ކުރިން ނަމަ ގަންނާނީ އެޕަލްގެ އައިފޯނެވެ.

މިދިޔަ އަންގާރަ ދުވަހު ވާވޭ އިން ވަނީ މޭޓް 60 ޕްރޯގެ އާ ޖީލު، "މޭޓް 70 ސީރީސް" ބާޒާރަށް ނެރެފަ އެވެ. ވާވޭ ކޮންޒިއުމާ ގްރޫޕްގެ ޗެއާމަން ރިޗަޑް ޔޫ އެމެރިކާގެ ނިއުޔޯކްޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޭޓް 70 އަކީ މޭޓް ފޯނުތަކުގެ ތެރެއިން އެންމެ ސްމާޓް ބާވަތެވެ.

ވާވޭއަށް ކުރިން ޗިޕް ސަޕްލައިކޮށްދިން، އެމެރިކާގެ ކުންފުނިތަކުން ތަކެތި ހޯދަން ދަތިވާ ގޮތަށް އެމެރިކާ ސަރުކާރުން ކުރިން އެޅި ފިޔަވަޅުތަކާ އެކު ވާވޭ އިން އަމިއްލައަށް ޗިޕް އުފައްދަން ފެށުމަކީ އެކުންފުނިން ހޯދި ބޮޑު ކުރިއެރުމެކެވެ.

ވާވޭ އިން އުފެއްދި ސެމީކޮންޑަކްޓާ ޗިޕްތަކަކީ ސްމާޓްފޯނެއްގައި އޭއައި ޓެކްނޮލޮޖީގެ ބޭނުންކުރަން ވަރަށް މުހިއްމު ވަސީލަތެކެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ދާއިރާގައި އެންމެ ފަހުން އުފެދުނު ނުތަނަވަސްކަމާ އެކު އެންމެ ބޮޑަށް މަޝްހޫރުވީ އެކައްޗަކީ ވާވޭގެ ޗިޕެވެ.