Advertisement

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަލަބްގެ ކޮންޓްރޯލް ހޯދައިފި

1 ޑިސެންބަރު 2024 - 08:22 0

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަލަބްގެ ކޮންޓްރޯލް ހޯދުމަށް ފަހު، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ފޮޓޯއެއް އަންދައިލަނީ. ފޮޓޯ: އޭއެފްޕީ


ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހަލަބްގެ ކޮންޓްރޯލް ހޯދައިފި

1 ޑިސެންބަރު 2024 - 08:22 0

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން އެ ގައުމުގެ މައި ސަހަރެއް ކަމަށްވާ ހަލަބްގެ ކޮންޓްރޯލް ހޯދައިފި އެވެ.

ސޫރިޔާ ސިފައިންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން މިއަދު ބުނީ އިދިކޮޅު ހަނގުރާމަވެރިން ހަލަބަށް ދިން ކުއްލި ހަމަލާއެއްގައި ސޫރިޔާ ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވުމުން ސިފައިން އަލުން ރުކުރުވައިލަން ޖެހިފައިވާ ކަމަށެވެ.

ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހައިއަތުއް ތަހްރީރުއް ޝާމް ޖަމާއަތުން ކުއްލިއަކަށް ދިން ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އަހުލީ ހަނގުރާމައިގެ ހުޅުގަނޑު އަނެއްކާ ވެސް ފަޅައިގެން މިދިޔައީ 2020 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި އޮތުމަށް ފަހުގަ އެވެ. ސޫރިޔާ ސަރުކާރުން ބުނާ ގޮތުގައި އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް އާ ހަމަލާތަކެއް ދޭން އެ ގައުމުގެ ސިފައިން ދަނީ ތައްޔާރުވަމުންނެވެ.

ހަލަބްގައި އިދިކޮޅު ހަނގުރާމަވެރިން ކުރިހޯދިކަމަށް އިއުތިރާފްވެ، ސޫރިޔާ ސިފައިން ބުނީ ހަލަބްގެ ބޮޑެތި ސަރަހައްދުތަކަށް ހަނގުރާމަވެރިން ވަދެފައިވާ ކަމަށެވެ.

ހަލަބަކީ ސޫރިޔާގެ އަހުލީ ހަނގުރާމައިގައި ސަރުކާރުގެ ކޮންޓްރޯލް އެންމެ ފުރަތަމަ ގެއްލުނު އެއް ޝަހަރެވެ. އެ ޝަހަރު އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ސަރުކާރުގެ ބާރުގެ ދަށަށް އަލުން ގެނައީ އީރާނާއި ރަޝިޔާގެ އެހީތެރިކަމާ އެކު މީގެ އަށް އަހަރުކުރިންނެވެ.

ހަލަބްގެ ކޮންޓްރޯލް އިދިކޮޅު ހަނގުރާމަވެރިން ހޯދިކަމަށް ސޫރިޔާ ސަރުކާރުން އެއްބަސްވެފައި މިވަނީ އިދިކޮޅު ހަނގުރާމަވެރިން އެކަން އިއުލާނުކޮށް، ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތަައް އާއްމުކުރިތާ ދެ ދުވަހެއް ފަހުންނެވެ.