29 ނޮވެންބަރު 2024 - 11:14 0
2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
29 ނޮވެންބަރު 2024 - 11:14 0
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅޭ ޕްރޮޕޯސަލެއްގެ މަޝްވަރާތައް މި ސަރަހައްދުގެ ފުޓްބޯޅަ ޖަމިއްޔާ ސާފް އިން މަޝްވަރާކުރަން ފަށައިފި އެވެ.
މީގެ ކުރިން، 2022 ވަނަ އަހަރު ވެސް ސާފް އިން ވަނީ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ އަށް ކުޅެން ލިބިފައިވާ ޕްރޮޕޯސަލަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. މާކެޓިން އޭޖެންޓެއް މެދުވެރިކޮށް ސާފަށް އެ ފަހަރު ލިބުނު ޕްރޮޕޯސަލްގައިވާ ގޮތުން އެއް މަހަށް ދިގު ދެމިގެންދާ ގޮތަށް ސާފް ޗެމްޕިއަންޝިޕް ބަދަލުވާނީ ހޯމް އެންޑް އަވޭ ފޯމެޓަށެވެ. ކޮންމެ ގައުމަކަށް އަމިއްލަ ގައުމުގައި މެޗު ކުޅެން ފުރުސަތު ލިބޭނެ ގޮތަށް މި ފޯމެޓުން ފުރުސަތު އޮންނާނެ އެވެ. ކުރިން މުޅިންހެން (އެއް ފަހަރު ފިޔަވައި) ސާފް ޗެމްޕިއަންޝިޕް ބޭއްވި ފޯމެޓާ ހިލާފަށް މެޗުތައް އެއް ދަނޑެއްގައި ކުޅެ، ނިންމާލުމުގެ ބަދަލުގައި ގިނަ ސަރަހައްދެއްގައި ކުޅޭ ގޮތަށް ވެސް ފުރުސަތު އޮންނާނެ އެވެ.
މީގެ ކުރިން 14 ފަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، އެއް ފަހަރު ފިޔަވައި ހުރިހާ އަހަރަކު ބޭއްވީ ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގަ އެވެ. ދެ ގައުމެއް މެދުވެރިވެގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީ ލަންކާ އާއި ރާއްޖޭންނެވެ.
ސާފްއާ ހަވާލާދީ، މިޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯމް އެންޑް އަވޭ ފޯމެޓަށް ބަދަލުކުރުމުގެ ޕްރޮޕޯސަލަކާ ގުޅޭގޮތުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެ ގޮތުން، މަޝްވަރާ ކުރަމުން އަންނަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއް ފަހަރު ކުޅޭ ގޮތަށެވެ. އެއީ، އަމިއްލަ ގައުމުގައި ތިން މެޗު އަދި ރަށުންބޭރުގައި ތިން މެޗު ކުޅޭ ގޮތަށެވެ.
އެކަމަކު، މި ފޯމެޓާ އެއްގޮތަށް، ކުރިއަށްދެވެން އަންނަނީ، މި މުބާރާތުގެ ސްޕޮންސަޝިޕާއި ފަންޑިން ހޯދޭނެ ގޮތެއް ކަނޑައެޅިގެން ކަަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ ކުރިން، ލިބުނު ހޯމް އެންޑް އަވޭ ޕްރޮޕޯސަލާ އެއްގޮތަށް ކުރިއަށް ނުދެވުނީ ވެސް ބޭނުންވާ ވަރަށް ފަންޑް ހަމަނުޖެހޭތީ އެވެ.
ދައުވަތު ދީގެން އެކި ސާފް ޗެމްޕިއަންޝިޕަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ސާފުން ވަނީ ނިންމައިފަ އެެވެ. އެންމެ ފަހުން، މިދިޔަ އަހަރު ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވަނީ ދައުވަތު ދީގެން ކުވެއިތާއި ލެބަނަން ކުޅެފަ އެވެ.
ސާފް އިން އަންނަ އަހަރަށް ކަލަންޑަރު ހެދިއިރު، ސާފް ޗެމްޕިއަންޝިޕް ހިމަނާފައިވަނީ، ޖޫން/ޖުލައި މަހު ކުރިއަށްދާ ގޮތަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment