29 ނޮވެންބަރު 2024 - 00:35 0
މުހައްމަދު ޝަހްޒާން
މާލޭގައި ހުންނަ ފުލުހުންގެ މައި އިމާރާތް -- ފޮޓޯ: އަދަދު ފައިލް
29 ނޮވެންބަރު 2024 - 00:35 0
މީހެއްގެ ވައިބާ ހެކްކޮށްގެން ބައެއްގެ އަތުން ފައިސާ ހޯދުމުގައި ފުލުހެއްގެ ބައިވެރިވުމެއް ނުވަތަ ފުލުހަކަށް ތުހުމަތު ކުރެވިދާނެ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ މުއައްސަސާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މީހެއްގެ ވައިބާ ހެކްކޮށް، އެ ވައިބާ އެކައުންޓު މެދުވެރިކޮށް އެކި މީހުންނަށް މެސެޖުކޮށްގެން ފައިސާ ހޯދި މައްސަލައާ ގުޅުންހުރި ތިން މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ސްކޭމްގައި ޖެހި، ފައިސާ ފޮނުވި ތިން މީހުން ފައިސާ ޖަމާކުރި އެއް އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ އެކައުންޓުކަން ފުލުހުންގެ ބަޔާނުގައި ކަށަވަރު ކޮށްދިނެވެ. ނަމަވެސް، އެ އެކައުންޓަކީ އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއް ކަމަށް ފުލުހުން ބުންޏެވެ.
"މި މައްސަލައިގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުން ކުރި އެއް ބޭންކު އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ ބޭންކު އެކައުންޓު ކަމުގައިވީ ނަމަވެސް، އެ އެކައުންޓަކީ އެ އަންހެން މީހާގެ އީމެއިލް އާއި ބޭންކު އެކައުންޓު ކޮންޕްރޮމައިޒް ކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ވަނީ ފާހަގަކުރެވިފަ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމެންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ތަހުގީގުގެ އެއްވެސް ހިސާބަކުން، އެ މައްސަލައިގައި ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް އޮތްކަން ފާހަގަކުރެވިއްޖެ ނަމަ އެ ފުލުހެއްގެ މައްސަލަ ބަލާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މީހެއްގެ ވައިބާ ހެކްކޮށްގެން ފައިސާ ހޯދުމުގެ ފަހަތުގައި ފުލުހަކު ހުރި ކަމަށް ތުހުމަތު ކުރީ، މިދިޔަ އަންގާރަ ދުވަހު އެ ސްކޭމްގައި ޖެހުނު މީހުންނެވެ.
އެ ތިން މީހުންގެ އަތުން އޮޅުވާލައިގެން، 10،100ރ. ސްކޭމަރު ހޯދި އެވެ.
މިރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނީ އޮޅުވާލައިގެން އެ ތިން މީހުން ލައްވައި ޓްރާންސްފާ ކުރުވި ފައިސާގެ ތެރެއިން 5600ރ.، ފައިސާ ދައުރުވެފައިވާ އެކައުންޓުތަކުގެ ތެރެއިން އެއް އެކައުންޓުގައި މިހާރު ހިފަހައްޓާފައިވާ ކަމަށެެވެ.
"އަދި މި މައްސަލައިގައި މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާގެ ތެރެއިން ރިކަވާ ނުކުރެވިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ އެ މުއައްސަސާގެ ނަން ކިލަނބުވާ ގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށް އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
Comment