28 ނޮވެންބަރު 2024 - 09:06 0
28 ނޮވެންބަރު 2024 - 09:06 0
ލިވަޕޫލް (ނޮވެމްބަރު 28) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް ލިވަޕޫލުން މި ފަހަރުގެ މުބާރާތުގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި އަލުން އެއް ވަަނަ މަގާމަށް ޖެހިލައިފި އެވެ.
މިއީ، 15 އަހަރު ތެރޭ ލިވަޕޫލުން ރެއާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ލިވަޕޫލުން ރެއާލް ބަލިކުރީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން، މި ދެ ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން، ދެ މެޗަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަލިވި މެޗުތަކެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗަށް ނުކުތްއިރު، ރެއާލަށް ވަނީ ވަރަށް ބޮޑަށް އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. އަނެއްކޮޅުން ލިވަޕޫލުގައި ވެސް ކޮންމެ ވެސް ވަރަކަށް އަނިޔާގެ މައްސަަލަތައް އޮތީ ކުރިމަތިވެފަ އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލަށް ލީޑުނަގައިދޭން ޑާވިން ނޫނޭޒް ފޮނުވާލި ދެ ހަމަލާ ވެސް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލުން ލީޑުނެގީ ދެ ވަނަ ހާފުގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލުންނެވެ. ރެއާލަށް އެއްވަރުކޮށްދޭން ލިބުނު ޕެނަލްޓީއެއް ކީލިއަން އެމްބާޕޭ ފޮނުވާލުުމުން، ލިވަޕޫލްގެ ކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ. މިއީ، ރެއާލް ލޫކަޒް ވަޒްކޭޒަށް ލިވަޕޫލްގެ އޭރިއާ ތެރެއިން ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ލިވަޕޫލަށް ލީޑުފުޅާކޮށްދޭން މުހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ ސީދާނުވެ އެވެ. މިއީ، ރެއާލްގެ އޭރިއާތެެރެއިން އެ ޓީމުގެ ފާލޯންޑް މެންޑީ ލިވަޕޫލްގެ ސަލާހަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ލިވަޕޫލަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު ޖެހީ، ބަދަލަކަށް ކުޅެން އެރި ކޯޑީ ގަކްޕޯ ބޮލުންނެވެ.
މި މޮޅާ އެކު، ލިވަޕޫލް، ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ ލިވަޕޫލް އެވެ. ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، ހަ ޕޮއިންޓާ އެކު އެ ޓީމު އޮތީ 36 ޓީމުގެ ލީގު ބުރުގެ 24 ވަނައިގަ އެެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާ އިން އަމިއްލަ ދަނޑުގައި ވަނީ ޔުވެންޓަސްއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.
Comment