Advertisement

ސަފާރީތަކާއި ބޮޑެތި ހޮޓާތަކުން 500 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތް ހަދަން ބިލުގައި ހިމަނައިފި

ސަރުކާރަށް އަހަރެއް ވެގެން ބޭއްވި ޖަލްސާގެ ތެރެއިން ޑޮލަރު މާރުކުރާ މިންވަރާ ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަދައްކަވަނީ: ޑޮލަރު މާރުކުރުމުގެ ގަވާއިދާ ގިނަ ޓޫރިޒަމް ވިޔަފާރިތަކުން ދެކޮޅު --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ސަފާރީތަކާއި ބޮޑެތި ހޮޓާތަކުން 500 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތް ހަދަން ބިލުގައި ހިމަނައިފި

ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ބިލުގައި ރަށްރަށުގައި ހިންގާ ބޮޑެތި ހޮޓާތަކާއި ސަފާރީތަކުން 500 ޑޮލަރުގެ ބަދަލުގައި 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހިމަނައިފި އެވެ.

އޮކްޓޯބަރު 1، ގައި އާންމުކޮށް އަންނަ އަހަރު އަމަލުކުރަން ފަށާ ގޮތަށް އޮތް އެމްއެމްއޭގެ ބޭރު ފައިސާގެ ގަވާއިދުގައި އޮތް ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ސަފާރިތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 މާރުކުރަން ޖެހޭނެ އެވެ.

ނަމަވެސް އާންމުންގެ ހިޔާލު ހޯދުމަށް މިރޭ ހުޅުވާލި ބިލުގެ ޑްރާފްޓުގައި ރަށްރަށުގައި ހިންގާ ހޮޓާތަކާއި ސަފާރީތައް ވަނީ 500 ޑޮލަރު މާރުކުރަން ޖެހޭ އޭ ކެޓަގަރީގެ ތަންތަނުން، 25 ޑޮލަރު މާރުކުރަން ޖެހޭ ބީ ކެޓަގަރީއަށް ބަދަލުކޮށްފަ އެވެ.

ޑްރާފްޓު ބިލުގައި ޑޮލަރު މާރުކުރުމުގައި ރިސޯޓުތަކަށް ވެސް ލުއިތަކެއް ދޭން ހިމަނާފައި ވެ އެވެ. އެއީ ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ޕެކޭޖުގައި އަންނަ ޓޫރިސްޓުންނަށް ޑޮލަރު މާރުކުރަން ނުޖެހޭ ގޮތަށެވެ. އެ ނޫން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ބިލުގެ ޑްރާފްޓުގައި ވެސް ވަނީ ހިމަނާފަ އެވެ.

ރިސޯޓުތަކުން މާރުކުރަން ޖެހޭ އަދަދަށް އެއްވެސް ބަދަލެއް ގެންނަން ސަރުކާރުން ނުވިސްނާއިރު، ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި އަދަދު ބޮޑުވުމެވެ. މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ސިޔާސީން ވެސް ސަރުކާރަށް ފާޑުކިޔާފައި ވެ އެވެ. ގިނަ ރިސޯޓުތަކަކުން ވަނީ މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ވެސް އެމްއެމްއޭއަށް އަންގާފަ އެވެ.

މިހާރު އެކުލަވާލާފައިވާ ބިލަށް އާންމުންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ. އެމްއެމްއޭ އިން ބުނި ގޮތުގައި މި ބިލުގެ ޑްރާފްޓު މިހާރު ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ވެސް ފޮނުވާފަ އެވެ.