about 11 hours 2
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
about 11 hours 2
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ރިސޯޓުތަކުން ޑޮލަރު މާރުކުރާއިރު ލުއިތަކެއް ލިބޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލެއް އެކުލަވާލައި އެ ބިލަށް ހިޔާލު ހޯދުމަށް އެމްއެމްއޭއިން ހުށަހަޅައިފި އެވެ.
ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ޕެކޭޖުގައި އަންނަ ޓޫރިސްޓުންނަށް ޑޮލަރު މާރުކުރަން ނުޖެހޭނެ ކަމަށް ބިލުގެ ޑްރާފްޓުގައި ބުނެފައިވެ އެވެ. އެ ނޫން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ބިލުގެ ޑްރާފްޓުގައި ވެސް ވަނީ ހިމަނާފަ އެވެ.
މިހާރު ގަވާއިދު އޮތް ގޮތުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ އެވެ. އަދި މާރުކުރާއިރު ރިސޯޓަށް ޓޫރިސްޓުން އަންނަ މުއްދަތަށް ނޫނީ ކޮމްޕްލިމެންޓަރީކޮށް އަންނަ ޓޫރިސްޓުންނަކަށް އަދި ކުޑަކުދިންނަކަށް ވެސް އިސްތިސްނާއެއް ނުލިބެ އެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ ޖެނުއަރީ 1، 2025 އިން ފެށިގެންނެވެ.
މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ސިޔާސީން ވެސް ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައި ވެ އެވެ. އަދި މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ވެސް 50 އަށް ވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.
މި އާޓިކަލް ޝާއިއުކުރި އިރު ގަވާއިދު ބަދަލުކޮށްފައިވާ ކަމަށް ޖެހިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. މިއީ އަލަށް އެކުލަވާލާ ބޭރު ފައިސާއާ ބެހޭ ބިލުގެ ޑްރާފްޓުގައި އެކުލަވާލާފައިވާ ގޮތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment