Advertisement

ގޭންގު ބިލާއި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދެ ހަފުތާ ތެރޭ މަޖިލީހަށް ހުށަހަޅާނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : އެމަނިކުފާނު ވިދާޅުވީ ގޭންގު ބިލާއި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދެ ހަފުތާ ތެރޭ މަޖިލީހަށް ހުށަހަޅާނެ ކަމަށް ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގޭންގު ބިލާއި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދެ ހަފުތާ ތެރޭ މަޖިލީހަށް ހުށަހަޅާނަން: ރައީސް

ގޭންގު ކުށްތައް ހުއްޓުވުމަށް އަދި މަސްތުވާތަކެތީގެ ގާނޫނު އިސްލާހުކުރަން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭ ރައްޔިތުންގެ މަޖިލީހަށް ބިލުތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް އިދާރާތަކުން ކުރާ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ހުރި ބައެއް އުނި ކަންތައްތައް ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ،" ރައީސް ލިޔުއްވާފައިވެ އެވެ.

ގޭންގު ކުށްތައް ހުއްޓުވަން ހުރި ގާނޫނީ ދަތިތައް ނައްތާލަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އޯގަސްޓު މަހު ސަރުކާރުން ވަނީ ގޭންގު ބިލު އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.

ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، އެ ބިލު ހުށަހަޅަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ގައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި ކަމަށެވެ. އެގޮތުން މި ބިލާއެކު މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނު އުވޭނެ ކަމުގެ އިޝާރާތެއް ވެސް ރައީސް މިއަދު ވަނީ ދެއްވައިފަ އެވެ.

"މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ،" މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ލިޔުއްވާފައިވެ އެވެ.

އޯގަސްޓު މަހު އާންމު ގޭންގު ބިލުގައިވާ ގޮތުން ގޭންގުތަކަށް ނިސްބަތްވާ މީހުންނަށް އިންތިހާބީ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށާއި އިންތިހާބީ މަގާމުތަކުގައި ތިބި ގޭންގު މީހުންގެ މަގާމު ގެއްލޭނެ އެވެ. އެ ބިލުގެ ފުރަތަމަ ޑްރާފްޓު އޭރު ލީކުވި އެވެ.

ސަރުކާރުން ޑްރާފްޓު ކުރި ބިލުގަައި ގޭންގުތަކަކީ ކޮބައިކަމާއި ގޭންގުތަކަށް ނިސްބަތްވާ މެންބަރުންގެ އިތުރުން އެ ގޭންގުތަކުގެ ލީޑަރުން ކަނޑައެޅުމަށް ހާއްސަ ކޮމެޓީއެއް އެކުލަވައިލުމަށް ހިމަނައިފައިވެ އެވެ. އެ ކޮމެޓީގައި ހިމެނެނީ:

  • ހޯމް މިނިސްޓަރު
  • ކޮމިޝަނާ އޮފް ޕޮލިސް
  • ޗީފް އޮފް ޑިފެންސް ފޯސް
  • ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާ
  • ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާ

އެ ކޮމެޓީން ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާ މީހުންނަށް އިންތިހާބީ އެއްވެސް މަގާމަކަށް ކުރިމަތި ލުން އެ ގާނޫނުގެ ދަށުން މަނާ ކުރަން ބިލުގައި ހިމަނާފައިވެ އެވެ. އަދި، ގޭންގު މެންބަރެއް ކަމަށް ކަނޑައަޅާ މީހަކު އިންތިހާބީ މަގާމެއްގައި ހުރިނަމަ، އެ މީހެއްގެ މަގާމު ގެއްލޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.