about 2 hours 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
about 2 hours 0
ނ. ހޮޅުދޫގައި ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮއްވައި ފެނުނު ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރުގެ ތަހުގީގު ލަސްވެ އެ މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް ބުނެ އެ ރަށު ރައްޔިތުން އިހުތިޖާޖުކުރަން ނިންމައިފި އެވެ.
"އަމިއްލައަކަށް ނޫން" ގެ ނަމުގައި ޒަކިއްޔާގެ އާއިލާ އަދި ހޮޅުދޫ ރައްޔިތުން ގުޅިގެން އެއްވުމެއް ބާއްވަނީ މިއަދު ހަވީރު އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު އިރު ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އެ މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭނާ ކައިރީގައި ވަޅިއެއް އޮތެވެ.
ހޮޅުދޫއިން މައުލޫމާތު ދިން މީހަކު ބުނީ މި އެއްވުމުގެ މަގުސަދަކީ ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ބުނާ ބުނުމާއި ހާދިސާ ހިނގި ގޮތާ ދިމާނުވާކަމުގެ ކަންބޮޑުވުން ހާމަކޮށް މިކަމުގެ ހަގީގަތް ތިލަކުރުމަށް ބާރުއެޅުން ކަމަށެވެ.
އެގޮތުން، އޭނާގެ މަރަށް ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ފުލުހުންގެ ފަރާތުން އާއިލާއަށް ވެސް ތަހުގީގުގެ އެއްވެސް ތަފުސީލެއް ދީފައިނުވާ ކަމަށާއި މިކަމާ ގުޅިގެން ރަށުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ވެސް ހޮޅުދޫން މައުލޫމާތު ދިން މީހާ ބުންޏެވެ.
"ރަށު ރައްޔިތުން ވެސް ބުނަނީ އަމިއްލައަކަށް ނޫނޭ މިކަން ވީކީ. މުޒާހަރާގެ ޝިއާރަކީ ވެސް 'އަމިއްލައަކަށް ނޫން'. އަމިއްލައަށް ކުރި ކަމެއް ނޫނިއްޔާ އެކަން ކުރި އެހެން މީހަކު ނުވަތަ ބަޔަކު ވެސް ތިބޭނެ. އެ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސްދޭށޭ މި ކިޔަނީ،" ޒަކިއްޔާއާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ މީހަކު ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.
ޒަކިއްޔާގެ މަރާ ގުޅުވައި ހޮޅުދޫގައި ބަޔަކު ވަނީ ލިޔުންތަކެއް އެ ރަށު ގެތަކަކަށް އަޅައިފަ އެވެ. ނަމަވެސް އެ ލިޔުންތަކުގައި ހުރި އެއްޗެއް ނޭނގެ އެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމަކުން ހޮޅުދޫއަށް ދިޔަ އެވެ. އަދި ދެތިން ހަފުތާ އެ ރަށުގައި ހަރަކާތްތެރިވި އެވެ. އިތުރު ތަހުލީލުތަކަށް ޒަކިއްޔާ މާލެ ގެނައި ނަމަވެސް އޭނާ ވަޅުލީ ހަށިގަނޑުގެ އޮޓޮޕްސީ ނުހަދަ އެވެ.
އޮޓޮޕްސީ ނުހަދަން ނިންމީ ތަހުލީލު ކުރެވި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ރައުޔު ލިބުމުން ކަމަށް ފުލުހުން ސެޕްޓެމްބަރު 18، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ. އެ މައްސަލައިގެ ތަހުގީގާ ގުޅޭ ތަފުސީލުތައް "ދެތިން ހަފުތާ" ތެރޭ ދޭނެ ކަމަށް އެ ދުވަހު ފުލުހުން ބުނި ނަމަވެސް މިއަދާ ހަމައަށް ވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
Comment