Advertisement

ފުރުސަތުގެ ބޭނުންހިފައި ރެއާލުން ފަރަގުކުޑަކޮށްފި

about 5 hours 0


ފުރުސަތުގެ ބޭނުންހިފައި ރެއާލުން ފަރަގުކުޑަކޮށްފި

about 5 hours 0

މެޑްރިޑް (ނޮވެމްބަރު 25) - ސްޕެނިޝް ލީގުގައި މިރޭ 3-0 އިން ލެގަނޭސް ބަލިކޮށް ރެއާލް މެޑްރިޑުން އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

ލީގުގައި މި ހަފްތާގައި ބާސެލޯނާ ކުޅުނު މެޗު ވަނީ 2-2 އިން ސެލްޓަ ވިގޯއާ އެއްވަރުވެފަ އެވެ. ބާސެލޯނާ އަތުން ޕޮއިންޓު ގެއްލުމުގެ ފައިދާ ރެއާލުން ވަނީ ނަގައިފަ އެވެ. ބާސެލޯނާ އިން އެއް ވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާ އެކު އެވެ. ރެއާލުން 13 މެޗުން 30 ޕޮއިންޓް ހޯދިއިރު، މެޗު ހަމަކުރާއިރު، އެއް ޕޮއިންޓަށް ބާސެލޯނާއާ ގާތަށް ޖެހިލެވޭނެ އެވެ.

ލެގަނޭސް ދަނޑުގައި ރެއާލުން ލީޑުނެގީ 43 ވަނަ މިނިޓްގަ އެވެ. ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ރެއާލްގެ މި ލަނޑު ޖެހީ ކީލިއަން އެމްބާޕޭ އެވެ. މިއީ މި ފަހަރު ލީގުގައި އެމްބާޕޭ ޖެހި ހަތް ވަނަ ގޯލެވެ. މި ލަނޑުގައި، ރެއާލްގެ ޖޫޑް ބެލިންހަމް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.


ރެއާލުން ލީޑުފުޅާކުރީ މެޗުގެ 66 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ހިލޭ ޖެހުމަކުން ފެޑެރީކޯ ވަލްވޭޑޭ އެވެ. ވަލްވޭޑޭ ތިރިތިރިން ބާރަށް ފޮނުވާލި ބޯޅަ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލިއިރު، ލެގަނޭސްގެ ކީޕަރު މާކޯ ޑިމިޓްރޯވިކަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

މެޗުގެ ތިން ޕޮޮއިންޓް ރެއާލުން ކަށަަވަރުކުރީ 85 ވަނަ މިނިޓްގައި ބެލިންހަމް ޖެހި ލަނޑުންނެވެ. ރެއާލްގެ ބްރާހިމް ޑިއާޒް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބެލިންހަމް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ރެއާލް މޮޅުވި ހަތަރު ވަނަ މެޗެެވެ.