Advertisement

ތާރީހީ ފައިނަލުގައި ނަބީ ބަލިކޮށް ނަބާ އަށް ރަން މެޑަލް

24 ނޮވެންބަރު 2024 - 14:43 1


ތާރީހީ ފައިނަލުގައި ނަބީ ބަލިކޮށް ނަބާ އަށް ރަން މެޑަލް

24 ނޮވެންބަރު 2024 - 14:43 1

ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކްލަބުން ވާދަކުރާ ގައުމީ ބެޑްމިންޓަން ޓީމުގެ ދެބެންގެ ކުރިމަތިލުމުގައި ފާތިމަތު ނަބާހާ (ނަބާ) ތާރީހީ ރަން މެޑަލް ހޯދައިފި އެވެ.

ނަބާ ފައިނަލުގައި ވާދަކުރީ އޭނާގެ ކޮއްކޮ، އައިމިނަތު ނަބީހާ (ނަބީ)އާ އެވެ. މީގެ ކުރިން ނަބާ އާއި ނަބީ ވަނީ ގައުމީ ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އިންޓަނޭޝަނަލް ފައިނަލެއްގައި މިއީ މި ދެބެން އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ދެކޮޅަށް ކުޅުނު ފުރަތަމަ ފަހަރެެވެ. މިއީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ މުބާރާތެއްގެ ސިންގަލްސް އިވެންޓެއްގެ ފައިނަލުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ރާއްޖޭން ފައިނަލުގައި މުޅިން ވެސް ކުޅެފައިވަނީ، ޑަބަލްސް އިވެންޓްތަކުގަ އެވެ.

ތާރީހީ ފައިނަލުގައި ނަބީގެ މައްޗަށް ނަބާ ކުރިހޯދީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު ނަބާ ގެންދިޔައީ 22-20 އިންނެވެ. ދެ ވަނަ ސެޓުގައި ނަބީ ވަނީ ހިތްވަރުދައްކައި، 14-21 އިން ސެޓު ގެންގޮސް ނަތީޖާ ނެރެން ޖެހޭ ސެޓަކަށް މެދު ގެންގޮސްފަ އެވެ. ނަތީޖާ ނެރެން ކުޅުނު ސެޓުގައި ނަބާ ކުރިހޯދީ 21-15 އިންނެވެ.

ނަބީ ވަނީ މީގެ ކުރިން، 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. ނަބާ ވަނީ މީގެ ކުރިން ދާދި ފަހުން ނިމުނު، ޒެމްބިއާ މުބާރާތުގެ އަންހެން ސިންގަލްސްގެ އިތުރުން މިދިޔަ، އަހަރު އޮސްޓްރޭލިއާގެ ސިޑްނީ އިންޓަނޭޝަނަލް އިން ލޯ މެޑަލް ހޯދައިފަ އެވެ.

ނަބާ އަށް މިއަދު އަދި އެއް ފައިނަލް އެބައޮތެވެ. އެއީ، މިކްސް ޑަަބަލްސް ފައިނަލުގައި ނަބާ އާއި ޒަޔާން ޒަކީގެ ޕެއާ އިން ކުޅޭނީ، އަޒަރުބައިޖާންގެ އާގިލް ގަބިލޯވް އާއި އީރާ މަފްތުހާގެ ޕެއާއާ ކުޅޭ މެޗެވެ.