about 5 hours 0
ޓޮޓެންހަމްގެ ލަނޑު ޖެހުމަށް ފަހު މެޑިސަން އުފާފާޅުކުރަނީ.
about 5 hours 0
މެންޗެސްޓާ (ނޮވެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުވެ ލީގު ތާވަލުގައި ކުރިއަށްދިއުމަށް. މުހިންމު ޕޮއިންޓްތަކެއް ހޯދިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އަތުން އަމިއްލަ ދަނޑުގައި 4-0 އިން ބަލިވެ، މެންޗެސްޓާ ސިޓީގެ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.
ޗެލްސީން ވަނީ ލެސްޓާ ސިޓީ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި އާސެނަލުން 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ.
ސިޓީގެ ކޯޗުގެ މަގާމުގައި އިތުރު ދެ އަހަރަށް މަޑުކުރަން ޕެޕް ގާޑިއޯލާ ނިންމި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ޓޮޓެންހަމް އަތުން ބަލިވިއިރު، މިއީ ސިޓީން މިދިޔަ 19 ވަރަކަށް އަހަރު ތެރޭ ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ، ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ވެސް ޖެހިޖެހިގެން ފަސް މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ޓޮޓެންހަމް އަށް ފުރަތަމަ ހާފުގައި ގާތްގާތުގައި ދެ ގޯލު ޖަހައި، ދެ ގޯލުގެ ލީޑެއްނަގައިިދިނީ މިއަދު 28 ވަނަ އުފަންދުވަސް ފާހަގަކުރި ޖޭމްސް މެޑިސަން އެވެ. ފުރަތަމަ ލަނޑު ޖެހީ ޑޭޖާން ކުލުސެވްސްކީ ދިން ބޯޅައަކުންނެވެ. ދެ ވަނަ ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ސޮން ހެއުން މިން އެވެ. ދެ ވަނަ ހާފުގައި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ޖެހީ، ކައުންޓަ އެޓޭކެއްގައި އަރައި، ފުލްބެކް، ޕެޑްރޯ ޕޯރޯ އެވެ.
ސިޓީގެ އާލިން ބްރައުޓް ހާލަންޑް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، އިލްކާއި ގުންޑޮގާން އާއި ހާލަންޑް ފޮނުވާލި ހަމާލަތަކެއް ޓޮޓެންހަމްގެ ކީޕަރު ގުގްލިއެލްމޯ ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި، ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ ބްރެނަން ޖޯންސަން އެވެ. ބަދަލަކަށް ކުޅެން އެރި ޖޯންސަން މި ލަނޑު ޖެހީ ޓިމޯ ވާނާ ދިން ބޯޅައަކުންނެވެ. ވާނާ ވެސް ކުޅެން އެރީ ބަދަލަކަށެވެ.
ސިޓީ ބަލިވުމުން، ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކުރަން ލިވަޕޫލަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެއް ވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 12 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލުން މާދަމާރޭ ސައުތެމްޓަން އަތުންނާއި އަންނަ ހަފްތާގައި ސިޓީ އަތުން އަމިއްލަ ދަނޑުގައި މޮޅުވެއްޖެނަމަ ލީޑު 11 ޕޮއިންޓަށް ފުޅާކުރަން ވެސް ފުރުސަތު އޮންނާނެ އެވެ.
ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަތަރެއްގައި އޮތް އާސެނަލް އަދި ފަސް ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 12 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ކުރިން އިރުޝާދުދިން ލެސްޓާ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ މޮޅުވިއިރު، ލަނޑުތައް ޖެހީ، ނިކޮލަސް ޖެކްސަން އާއި އެންޒޯ ފެނާންޑޭޒް އެވެ. ލެސްޓާގެ ލަނޑު ޖެހީ ޕެނަލްޓީ އަކުން ޖޯޑަން އަޔޫ އެވެ.
އާސެނަލަށް ލަނޑުތައް ޖަހައިދިނީ ބުކާޔޯ ސަކާގެ އިތުރުން ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ ތޯމަސް ޕާޓޭ އާއި 17 އަހަރުގެ އީތަން އެންވަނޭރީ އެވެ.
ބްރައިޓަން އިން ވަނީ ބޯންމައުތު ދަނޑުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ، 2-1 އިން މޮޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment