Advertisement

ގާޑިއޯލާ ބުނީ މިއީ ސިޓީ ދޫކޮށްލަން ރަނގަޅު ވަގުތެއް ނޫން ކަމަށް

about 6 hours 0


ގާޑިއޯލާ ބުނީ މިއީ ސިޓީ ދޫކޮށްލަން ރަނގަޅު ވަގުތެއް ނޫން ކަމަށް

about 6 hours 0

ލަންޑަން (ނޮވެމްބަރު 22) - މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާ ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ މިއީ، އެ ކްލަބް ދޫކޮށްލަން އެންމެ ރަނގަޅު ވަގުތުގެ ގޮތުގައި އޭނާ އަށް ގަބޫލުނުކުރެވޭތީ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީން ހަރަދުކުރުމުގެ ގަވާއިދުތަަކާ ހިލާފުވި ކަމަށް ބުނާ 115 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ މި ދަނޑިވަޅުގައި، އެ ޓީމުން ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. މިއީ، ބާސެލޯނާ އާއި ބަޔާން މިއުނިކް އަށް ކުރިން ކޯޗުކޮށްދިން ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި، ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

"އަހަންނަށް އިހުސާސް ކުރެވުނީ މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނޭ ސިޓީ ދޫކޮށްލަން. ފަަހަރެއްގައި ވެދާނެ އެ ހަތަރު މެޗުން ބަލިވެގެން އައި ކަމެއް ކަމަށް ވެސް" ސިޓީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.

އެންމެ ފަހުން ގާޑިއޯލާ ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު، ކޮންޓްރެކްޓް އާ ކުރުމުން ގާޑިއޯލާ، ސިޓީ އަށް އިރުޝާދުދޭ މުއްދަތު 10 އަހަރަށް ވުރެ އިތުރުވާނެ އެވެ. މި ވަގުތު ޕްރިމިއާ ލީގުގެ 20 ޓީމަށް ބަލާއިރު، އެއް ޓީމެއްގައި އެންމެ ގިނަ ދުވަސްވީ ކޯޗެއް ހުރީ ސިޓީގަ އެވެ.

"މިއީ އަހަރެންގެ ނުވަ ވަނަ ސީޒަން މި ޓީމާ އެކު، އަހަރެމެން ވަރަށް ތަފާތު ކަންކަން މި ޓީމާ އެކު ތަޖުރިބާކޮށްފިން. އުންމީދަކީ އަދިވެސް އިތުރު ޓްރޮފީތަކެއް މި ޓީމާ އެކު ހޯދުން. މި ކްލަބާ މެދު އަހަރެންގެ ހިތުގައި ވަރަށް ބޮޑު ހާއްސަ ކަމެއް އެބައޮތް،" 2016 އިން ފަށައިގެން ސިޓީ އަށް އިރުޝާދުދެމުން އަންނަ ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ސިޓީ އަށް 18 ޓްރޮފީ ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ހަ ޕްރިމިއާ ލީގު ތަށްޓާއި ޗެމްޕިއަންސް ލީގުގެ އިތުރުން، ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ގާޑިއޯލާ ވަނީ ސިޓީ އަށް ޖެހިޖެހިގެން ހަތަރު ޕްރިމިއާ ލީގު ތަށި ހޯދައިދީ، އެ ކާމިޔާބީ ހާސިލްކުރި ފުރަތަމަ ޓީމުގެ ޝަރަފް ވެސް ހޯދައިދީފަ އެވެ.

މިއީ، ސިޓީއާ ގުޅުނު ފަހުން ގާޑިއޯލާ ކޮންޓްރެކްޓް އާ ކުރި ހަަތަރު ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސިޓީގެ ކޮންޓްރެކްޓް އާ ކުރީ 2018 ވަނަ އަހަރު މެއި މަހު އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ނޮވެމްބަރު މަހު އަދި 2022 ވަނަ އަހަރު ނޮވެމްބަރު މަަހު ސިޓީގެ ކޮންޓްރެކްޓް އާ ކުރި އެވެ.