about 6 hours 0
ހާޝިމް އަބޫބަކުރު: އޭނާ ޖަލުން ދޫކުރަންޖެހެނީ މެއި، 2035، ގައި -- ފޮޓޯ: އާމަހި ޕޯޓަލް
about 6 hours 0
ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭ ކަމަށް ބުނެ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން ކުޑަކުއްޖަކާ ބެހުނު ފިރިހެނަކު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ހއ. ހޯރަފުށީ، އަންދަލީބުގޭ، ހާޝިް އަބޫބަކުރު، 57، ގެ މައްޗަށް 12 އަހަރާއި ފަސް މަސްދުވަހުގެ ހުކުމެއް ކުރީ ނޮވެމްބަރު 20، 2022، ގަ އެވެ. އޭނާ ޖަލުން މިނިވަން ކުރަންޖެހޭނީ މެއި، 2035، ގަ އެވެ.
އެ މައްސަލައިގައި ސޯޝަލް މީޑިއާގައި ސަރުކާރަށް އަންނަނީ ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ހާޝިމް ދޫކޮށްލީ ވެރިކަން ހިންގާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާ އާއިލީ ގޮތުން ގުޅުން އޮތުމުން ކަމަށް މީހުން ތުހުމަތު ކުރެ އެވެ.
އެކަމަކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހާޝިމް ދޫކޮށްލީ ރާއްޖެއިން ނުކުރެވޭ އުނަގނޑުގެ އޮޕަރޭޝަނެއް ކުރަން އޯގަސްޓު 5، 2024، ގައި ކަމަށެވެ. އަދި ސެޕްޓެމްބަރު 16، 2024، ގައި އެ އޮޕަރޭޝަން ކުރުމަށްފަހު ރާއްޖެ އައި ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
"ހާޝިމް އަބޫބަކުރުގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ރިކޮމެންޑޭޝަންއާ އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ އޭނާ ވަނީ ހުކުމް ތަންފީޒު ކުރުމަށް ވަގުތީ ގޮތުން ގޭ ބަންދުގައި ބެހެއްޓިފައި،" ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން އެހެން ބުނި ނަމަވެސް ހާޝިމް ކުރީ ކޮން ކަހަލަ އޮޕަރޭޝަނެއް ކަމެއް ނުބުނެ އެވެ. އުނަގަނޑުގެ އޮޕަރޭޝަންތައް ރާއްޖޭގައި ވެސް ކުރެވެ އެވެ. އަދި އޮޕަރޭޝަނެއް ފަހު އޭނާއަށް ދޭންޖެހޭ ކަމަށް ބުނާ ފަރުވާއެއް ވެސް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ. ބޭސްފަރުވާގެ ހިދުމަތް ދެވޭ ގޮތަށް ޖަލުގައި ހުންނަނީ ވަސީލަތްތައް ގާއިމްކޮށްފަ އެވެ.
Comment