Advertisement

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި ލޯކަލް ކަރަންސީ ބޭނުން ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ: އެމްއެމްއޭ


އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި ލޯކަލް ކަރަންސީ ބޭނުން ކުރުމުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެ އެމްއޯޔޫގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި އާރުބީއައިގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު ޝްރީ ޝަކްތިކަންތާ ދާސް އެވެ.

އެމްއެމްއޭއިން ބުނީ އެ އެމްއޯޔޫއިން ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައި އަދި ހުއްދަ ކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެން ވެސް އިގުތިސާދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދިވެހި ރުފިޔާ އާއި އިންޑިއަން ރުޕީސް ބޭނުން ކުރަން ބާރުއަޅާ ކަމަށެވެ.

"މިއީ އެމްއެމްއޭ އާއި އާރުބީއައިގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ނިންމުމެއް. ދެގައުމުގެ މެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރެވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވެ އިގުތިސާދީ ގުޅުންތައް ވަރުގަދަވެގެންދާނެ،" އެމްއެމްއޭއިން ބުންޏެވެ.

އޭގެ އިތުރުން ދެ ގައުމުގެ ވިޔަފާރީތަކުން މުދަލާއި ހިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދިގެންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެ އެމްއޯޔޫގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެ ފައިސާ (ދިވެހި ރުފިޔާ-އިންޑިއާ ރުޕީ) ޓްރޭޑްކުރުމުގެ ފުރުސަތު ހުޅުވޭކަން ފާހަގަކޮށް އެމްއެމްއޭއިން ބުނީ ގައުމުގެތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތްވުމުން ހަރަދުކުޑަވެ ސެޓްލްމަންޓަށް ހިނގާ ވަގުތު އަވަސް ވެގެންދާނެ ކަމަށެވެ.