Advertisement

ކުރުސީ އަށް މައުލޫމާތު ދިން ބަޔަކު ހޯދަން ފުލުހުން އެމްއެމްއޭއަށް ވަދެ، ބައެއް ސާމާނު ގެންގޮސްފި

21 ނޮވެންބަރު 2024 - 19:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ކުރުސީ އަށް މައުލޫމާތު ދިން ބަޔަކު ހޯދަން ފުލުހުން އެމްއެމްއޭއަށް ވަދެ، ބައެއް ސާމާނު ގެންގޮސްފި

21 ނޮވެންބަރު 2024 - 19:58 0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފެއްގެ މައުލޫމާތު ލީކްކޮށްލި މައްސަލައެއް ތަހުގީގު ކުރަން ފުލުހުން އެ އޮތޯރިޓީ އަށް ވަދެއްޖެ އެވެ.

އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސް، އަހުމަދު ޝިފާން "އަދަދު" ނޫހަށް ވިދާޅުވީ ފުލުހުން އެމްއެމްއޭއަށް ވަނީ، އެ އޮތޯރިޓީން މައްސަލަ ބަލައި ދިނުމަށް އެދި ހުށަހެޅުމުން ކަމަށެވެ.

"އެއީ އެ އޮތޯރިޓީގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތު ތަކެއް ލީކްވި މައްސަލައެއް. އެކަން އެމްއެމްއޭއިން ހުށަހެޅުމުން، ފުލުހުން ދަނީ އެކަން ބަލަމުން،" ޝިފާން ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މި ނޫހަށް މައުލޫމާތު ދިން ތަފާތު ތިން މަސްދަރަކުން ބުނި ގޮތުގައި އެމްއެމްއޭ އާއި ފުލުހުން ގުޅިގެން ބަލަމުން ދަނީ 'ހަސަން ކުރުސީ' އެކައުންޓުން އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ފަހުން އައްޔަން ކުރި މުވައްޒަފަކާ ގުޅޭ ގޮތުން ކުރި ޕޯސްޓާ ގުޅޭ މައްސަލައެކެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ މުވައްޒަފަށް މަގާމު ލިބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާ އޮތް ގުޅުމެއްގެ ސަބަބުން ކަމަށެވެ.

އެ މުވައްޒަފަށް އެމްއެމްއޭގެ އެޗްއާރު އިން ފޮނުވި އިންޒާރުގެ ސިޓީއެއްގެ ކޮޕީއެއްވެސް ކުރުސީ އެކައުންޓުން ޕޯސްޓުކޮށްފައިވެ އެވެ.

އިތުބާރު ހުރި ބައެއް މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އިއްޔެ އާއި މިއަދު ވަނީ އެމްއެމްއޭއަށް ވަދެފަ އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން ގެންދިޔައީ އެމްއެމްއޭގެ މުވައްޒަފެއްގެ ލެޕްޓޮޕަކާއި ބައެއް ޑޮކިއުމެންޓެވެ.

އެއެމްއޭއިން ބުނީ މުވައްޒަފެއްގެ ޒާތީ މައުލޫމާތު ސޯޝަލްމީޑިއާގައި ލީކުވުމާއި ގުޅިގެން އެ އޮތޯރިޓީގެ އިންޓާނަލް އޮޑިޓުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި "މިކަމާ ގުޅޭ ބައެއް ކަންކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަންނީ އެހީތެރިކަން ވަނީ ހޯދާފައި" ކަމަށެވެ.

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުގެ ފޮޓޯއެއް ހަސަން ކުރުސީ އެކައުންޓުން ޕޯސްޓުކުރި މައްސަލައެއްގައި، އޭރު ސިންގަޕޫރުގައި ހުރި ދިވެހި ވިޔަފާރިވެރިޔަކު ރާއްޖެ އައުމުން، ކޯޓު އަމުރެއްގެ ދަށުން ފޯނު ހިފަހައްޓައި މައްސަލަ ތަހުގީގުކުރި އެވެ.

އެޑިޓަރުގެ ނޯޓު:


މި ހަބަރުގައި ކުރިން ހިމަނާފައިވާ އެމްއެމްއޭގެ މުވައްޒަފުގެ ނަން ވަނީ އުނިކުރެވިފަ އެވެ.