about 6 hours 0
about 6 hours 0
ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ތ. ތިމަރަފުށި 4-0 އިން ބަލިކޮށް މާލެ ސިޓީން ބޮޑު މޮޅަކުން މުބާރާތް ފަށައިފި އެވެ.
ގްރޫޕް ބީގައި ވާދަކުރާ މި ދެ ޓީމުގެ މި މެޗުގައި، ދެ ޓީމުން ވެސް ފެނިގެންދިޔައީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާއި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިން ފެނިގެންދިޔަ އެވެ.
އެ ގޮތުން، ތިމަރަފުށްޓަށް ލީޑުނަގައިދޭން ރަނުގެ ފުރުސަތެއް އެ ޓީމަށް ކުޅޭ ގައުމީ 20 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން، ޝަނާން ރަޝާދު އަށް ހުސް ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ.
މާލެ ސިޓީން ލީޑުނެގީ އެ ޓީމުގެ ފަހަތަށް ކުޅޭ ޝުއައިބު ހުސައިން ޖެހި ގޯލުންނެވެ. މިއީ، ހިލޭ ޖެހުމެއްގައި މާލެ ސިޓީގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ) ނަގައިދިން ބޯޅައެއްގައި، އެ ޓީމުގެ މިސްރުގެ މިޑްފީލްޑަރު، ހަލީލް ޖަމާލް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ޝުއައިބު ޖެހި ގޯލެކެވެ.
ކައުންޓަ އެޓޭކުގައި، މާލެ ސިޓީގެ އަލީ ޝިޔާހު (ޝިޔަޅޭ) ދިން ބޯޅައަކުން އެ ޓީމަށް ލީޑުފުޅާކޮށްދިނީ އިސްމާއިލް ވިފާގު (އިއްސެ) އެވެ. ތިމަރަފުށްޓަށް ލަނޑެއް ޖަހައިދޭން އަހުމަދު އަފްލާޒް ފޮނުވާލި ބޯޅަ މާލެ ސިޓީގެ ކީޕަރު އާތިފް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފުގައި މާލެ ސިޓީ ޓީމަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) ބޮލުންނެވެ. އަދި ހަތަރު ވަނަ ލަނޑު ޖެހީ، ފުރަތަމަ ޑިވިޝަނުގައި 2017 ވަނަ އަހަރުގެ ފަހުން ކުޅެމުން އަންނަ މިސްރުގެ ހަލީލް އެެވެ.
މި ގްރޫޕްގެ ދެ ވަނަ މެޗުގައި މާދަމާ ހަވީރު ބ. އޭދަފުށި ކުޅޭނީ ބ. ތުޅާދޫއާ އެެވެ.
Comment