about 5 hours 0
ލީވާން އަލީ ނާސިރު
ފުލުހުންގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަތުން: ރާއްޖެއަށް ކިލޯއެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހާ އާއި އެއާ ހަވާލުވާން ދިޔަ މީހާ ވަނީ އަތުލައިގަނެފައި -- ފޮޓޯ: ޕޮލިސް
about 5 hours 0
ދިރުވާލައިގެން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު އަތުލައިގަނެ، އެ ތަކެއްޗާ ހަވާލުވާން ދިޔަ މީހާ ވެސް ހައްޔަރު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އެ މައްސަލައިގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ކުށުގައި ހައްޔަރު ކުރީ ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ލެންޑަސަން ޑިޕައުލޯ ގާސިއާ، 44 އެވެ.
ލެންޑަސަންގެ ހަށިގަނޑު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ފެނިފައިވާއިރު، މައްސަލައާ ގުޅިގެން އޭނާ އެއްބާރުލުން ދެމުން އަންނަ ކަމަށް ފުލުހުންނާ ހަވާލާދީ ކްރިމިނަލް ކޯޓުން ބުންޏެވެ.
ދައުލަތުގެ ފަރާތުން އައްޔަން ކޮށްދޭ ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ލެންޑަސަން ބުނެފައިވާތީ، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖަހައިދިނީ ފަސް ދުވަހެވެ.
މަަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ހުސައިން ފަރުޝާން، 39 އެވެ.
އޭނާގެ ވަކީލުގެ ފަރާތުން މުވައްކިލާ ބައްދަލު ނުވާތީ، އެ ފުރުސަތު ދިނުމަށް އެދުމުން ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ޖަހައިދިނީ ފަސް ދުވަހެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަ ކޮށްފައި ވަނީ މަސްތުވާތަކެތީގެ އެ މައްސަލައަކީ ރޭވިގެން ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.
މީގެއިތުރުން ވެސް ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި އެހެން ދެ މައްސަލައެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
އެގޮތުން ރާއްޖެއަށް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ނ. މަނަދޫ، ޕީކޮކް، 33 އިހްސާން އިސްހާގު ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ހަށިގަނޑުން ފެނުނު އަށް ރަބަރު ބުލެޓްގައި 114 ގްރާމް ހުއްޓެވެ.
އޭނާ ވެސް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަން ބުނެފައިވާތީ، ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ޖެހީ ފަސް ދުވަހެވެ.
ރާއްޖެއަށް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި މއ. ސޭބު، މުހައްމަދު ފާރިޝް، 40 ހައްޔަރު ކޮށްފައިވާއިރު، އޭނާގެ ހަށިގަނޑުން 10 ގްރާމް ހުރި އެއް ރަބަރު ބުލެޓް ވަނީ ފެނިފަ އެވެ.
އޭނާގެ ބަންދާ މެދު ވެސް ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން ވަކީލެއްގެ ފުރުސަތަކަށް އެދިފައިވާތީ، ބަންދުގެ މުއްދަތަށް ޖަހައިދިނީ ފަސް ދުވަހެވެ.
Comment