Advertisement

ގެދޮރުވެރިޔާ ފުލެޓު ލިސްޓުގެ ތަހުގީގުގައި މީހެއްގެ ނަން އޮތް ކެޓެގެރީ ހާމަކުރަން އައިކޮމްއިން އަންގައިފި

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތައް ބައްލަވާލައްވަނީ -- ފޮޓޯ: އަދަދު ފައިލް


ގެދޮރުވެރިޔާ ފުލެޓު ލިސްޓުގެ ތަހުގީގުގައި މީހެއްގެ ނަން އޮތް ކެޓެގެރީ ހާމަކުރަން އައިކޮމްއިން އަންގައިފި

މިދިޔަ ސަރުކާރުން އިއުލާނު ކުރި ފުލެޓު ލިސްޓު ތަހުގީގު ކުރުމަށްފަހު އޭސީސީން ކަނޑައެޅި ތިން ކެޓެގަރީގެ ތެރެއިން މީހެއްގެ ނަން އޮތް ކެޓެގަރީ ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހައުސިން މިނިސްޓްރީއަށް އަންގައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ނިންމި ނިންމުމުގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދިނުމަށް ނިންމާފައިވާ ލިސްޓު އޭސީސީން ތަހުގީގުކޮށް ކަނޑައެޅި ތިން ކެޓެގަރީގެ ތެރެއިން މައުލޫމާތު ހޯދަން އެދުނު މީހާ އެދިފައި ވަނީ އޭނާގެ ނަން އޮތީ އޭގެ ތެރެއިން ކޮން ކެޓެގަރީއެއްގައިތޯ ބެލުމަށް ކަމަށެވެ.

އެ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދޫނުކޮށް ހިފެހެއްޓޭނެ މައުލޫމާތެއް ކަމަށް ނުބެލެވޭ ކަމަށް ވެސް އިންފޮމޭޝަން ކޮމިޝަނުގެ ނިންމުމުގައި ބުނެފައިވެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހައުސިން މިނިސްޓްރީއަށް އަންގާފައި ވަނީ ރަސްމީ ބަންދުނޫން ފަސް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ހޯދަން އެދުނު މީހާއަށް އެ މައުލޫމާތު ދިނުމަށެވެ.

އިންފޮމޭޝަން ކޮމިޝަނުން ބުނީ އެ މައުލޫމާތު ހޯދުމަށް އެދުނު މީހާ އެންމެ ފުރަތަމަ މިދިޔަ ޖުލައި 22، ގައި އެ މައުލޫމާތު ހޯދުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ޖަވާބެއް ދިން ކަމަށެވެ، ނަމަވެސް އެ ޖަވާބާ މެދު މައުލޫމާތު ހޯދަން އެދުނު މީހާ ހިތްހަމަ ނުޖެހިގެން މުރާޖާ ކޮމެޓީއަށް ހުށަހެޅި ކަމަށް އިންފޮމޭޝަން ކޮމިޝަނުގެ ނިންމުމުގައި ބުންޏެވެ.

އިންފޮމޭޝަން ކޮމިޝަނުން އެ މައްސަލަ ބަލަން ފެށީ މުރާޖާ ކޮމިޓީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހެޅުމުން ކަމަށް އިންފޮމޭޝަން ކޮމިޝަނުގެ ނިންމުމުގައި ބުންޏެވެ.

ފުލެޓު ލިސްޓާ ގުޅޭ މައުލޫމާތެއް ހަމަކުރުމަށް ހައުސިން މިނިސްޓަރީއަށް އަންގާފައިވާއިރު، ރީއިވެލުއޭޝަނަށް ފަހު ފުލެޓު ލިސްޓު އިއުލާނު ކުރުން ލަސްވަމުން ދާތީ ވެސް އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ފުލެޓަށް އެދި ހުށަހެޅި މީހުން މި ހަފުތާގައި ހައުސިން މިނިސްޓަރީގެ ގޯތި ތެރޭގައި މުޒާހަރާ ވެސް ކުރި އެވެ.