about 15 hours 2
ލީވާން އަލީ ނާސިރު
ސިޓީ ކައުންސިލްގެ އިންޓާނަލް އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެއްސި ކަމުގެ ލިޔުން އެތަނުގެ މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދުއާ ހަވާލުކުރަނީ. -- ފޮޓޯ: ސިޓީ ކައުންސިލް
about 15 hours 2
މާލޭ ސިޓީ ކައުންސިލަށް ކުރާ ވައްކަމާއި ހިޔާނާތުގެ ތުހުމަތު ފިލުވާލައި، ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ބަދަލު ކުރުމުގެ ބޭނުމުގައި ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކޮށްފި އެވެ.
ސިޓީ ކައުންސިލް އޮޑިޓުކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައި ވަނީ މަޝްހޫރު ދިވެހި އޮޑިޓު ފާމެއް ކަމުގައިވާ، ކްރޯ މޯލްޑިވްސް އެލްއެލްޕީއާ އެވެ. މި މަސައްކަތުގެ ޖުމުލަ އަގަކީ ޖީއެސްޓީއާއެކު 466،560ރ. އެވެ.
މާލޭ ސިޓީ ކައުންސިލްގެ ދިގު ތާރީހުގައި އަލަށް އޮޑިޓަރަކު އައްޔަން ކުރީ ކައުންސިލުން ކުރާ ކަންކަމުގައި ފުރިހަމައަށް ޖަވާބުދާރީވުމަށާއި، އާންމުންގެ އިތުބާރު ހޯދުމަށް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަނޑައަޅައިގެން މިތިބީ ކުރާ ހުރިހާ ކަމެއްގައި ވެސް ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް. މިއަދު މިއެޅުނު ބިންގަލުގެ ސަބަބުން، އަޅުގަނޑުމެންގެ މާލެ ސިޓީގެ މުސްތަގުބަލު ބައްޓަންވެގެންދާނީ ދެފުއްފެންނަ ގޮތަށް މަސައްކަތް ކުރާ މުއައްސަސާއެއްގޮތަށް،" އާޒިމް ވިދާޅުވި އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު، ސިޓީ ކައުންސިލުން ކޮށްފައިވާ ބައެއް ކަންކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވެ އެވެ. އެފަދަ ކަންކަމުގެ ތެރޭގައި މާލެ އާއި ވިލިމާލޭގައި ހުރި ގިނަ ބިންތައް ނުއަގުގައި ދޫކޮށްލުން މާލޭގެ މަގުތައް ޕާކިން ޒޯނުގެ ގޮތުގައި ވިއްކާލުމާއި މާލެ ފެހިކުރުމުގެ ނަމުގައި 60 މިލިއަން ހޭދަކޮށްލުން އަދި ވިލިމާލޭގައި ފެށި ބަގީގެ ހިދުމަތް ފާހަގަ ކޮށްލެވެ އެވެ.
އޭރު ގޯސްކޮށް ކޮށްފައި ހުރި އިތުރު ކަންކަން މިހާރު ވެސް ތިލަވަމުން އެބަ ދެ އެވެ.
އެފަދަ މައްސަލަތައް އޭސީސީން ބަލައި، މިހާތަނަށް ކޮޅެއްގައި ޖައްސާފައެއް ނެތެވެ.
Comment