about 3 hours 0
އަހުމަދު އާއިދު
ރައީސް މުއިއްޒުއާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް : މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހެޅި އިސްލާހު ބޭރުކޮށްލީ ސަރުކާރުގެ މަގުސަދު ހާސިލް ނުވާތީ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ --- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މިއަދު ފާސްކުރި ބިލަށް އިދިކޮޅުން ހުށަހެޅި އިސްލާހު ބޭރުކޮށްލީ އޭގެ ސަބަބުން އެ ބިލުގެ މަގުސަދު ގެއްލޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ބިލުގެ ބަހުސާއި ކޮމިޓީ މަރުހަލާގައި ރަނގަޅު ހިޔާލުތަކަކާއި އިސްލާހުތަކެއް ހުށަހެޅި ނަމަ އެކަންކަމަށް މަޝްވަރާ ކުރެވުނީސް ކަމަށެވެ.
"އެބޭފުޅުން އިސްލާހު ހުށަހެޅުއްވި. އެ އިސްލާހުތަކަކީ އަޅުގަނޑުމެންގެ މި މެޖޯރިޓީ، އަޅުގަނޑުމެންގެ ބިލުގެ އަސްލު މަފްހޫމު ގެއްލޭ ކަހަލަ އިސްލާހުތަކެއް ވަންޏަކާ އެޔެއް އަޅުގަނޑުމެން ބަލައެއް ނުގަންނާނެ ނޫންތޯ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ގެންނަން އުޅޭ ބަދަލު އޭގެ ސަބަބުން. އެ އިސްލާހުތަކަކާއެކު ފާސްކޮށްފިއްޔާ އަސްލު މަގުސަދު ހާސިލް ނުވާކަމުގައި ވަންޏާ ދެން ނެތްތާ އެ ބަލައިގަތުމުގެ ބޭނުމެއް. އަޅުގަނޑުމެން މި އަންނަނީ ވަކި މަގުސަދެއް ހާސިލްކުރަން،"
މިއަދު ހުށަހަޅާ ބަހުސްކޮށް ފާސްކުރި ބިލަށް އިދިކޮޅު އެމްޑީޕީން ހުށަހެޅީ އެންމެ އިސްލާހެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމުގެ ބަދަލުގައި، އެ ބާރު ސީދާ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ދޭން ޖެހޭ ގޮތަށް ބިލަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހެވެ.
މި އިސްލާހު ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 13 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާ އަމިއްލަ މެންބަރެއްގެ ގޮތުގައި ތަމްސީލުކުރައްވާ އަބްދުއްރަހުމާނެވެ. އެ އިސްލާހު ބޭރުކޮށްލީ ޕީއެންސީގެ 77 މެންބަރުންގެ ވޯޓުންނެވެ.
ސިޔާސީ ޕާޓީގެ މެންބަރަކަމުން ވަކި ކުރެވުނު މެންބަރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމި ހުރުމާމެދު އެ ދާއިރާގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެ ކަމަށް މީކާއިލް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެ މެންބަރަކު ވަކި ކުރުމަށް ނުފެންނަ ކަމަށް ދާއިރާގެ ވޯޓުދޭ މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމަ، ހިނގަމުންދާ ދައުރުގެ ބާކީ އޮތް މުއްދަތުގައި އެ މެންބަރަކު ހުންނާނީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއް ގޮތުގައި ކަމަށް ވެސް ބިލުގައި ފާހަގަކޮށްފައިވެ އެވެ.
އެ އިސްލާހުގައިވާ ގޮތުން އިޖުރާއަތު ހިންގަންވާނީ، ނިސްބަތްވާ އިންތިހާބީ ދާއިރާއަކީ މާލެ އާއި ސިޓީތައް ފިޔަވައި އެހެން އިންތިހާބީ ދާއިރާއެއްނަމަ، އެ ދާއިރާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އާބާދީގެ 25 ޕަސަންޓު ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާނެމަ އެވެ. އަދި މާލެ އާއި ސިޓީ ތަކުގައިވާނަމަ، އެ ދާއިރާއަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އާބާދީގެ 15 ޕަސަންޓު ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާފައިވާނަމަ އެވެ.
ނަމަވެސް މި އިސްލާހު ބޭރުކޮށް، މިއަދު ފާސްކޮށް މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިސްލާހުގައިވާ ގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހިމަނާފައިވަނީ އާ ދެ ހާލަތެކެވެ. އެއީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމެވެ.
Comment