about 15 hours 0
ސާއިފް ޝިޔާދު
ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު. ވެރިކަން ކުރާ ޕީއެންސީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އެބައޮތް --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
about 15 hours 0
ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް އަވަސް އަރުވާލައިގެން މިއަދު ވެއްދި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ތަސްދީގުކުރައްވައިފި އެވެ.
މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށް ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިއަދު ހެދުނު 9:00 ގަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސާއި ކޮމިޓީ މަސައްކަތް ވެސް ނިންމީ މިއަދު އެވެ.
ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ރިޕޯޓު ފާސްކުރުމަށް ހަވީރު ނެގި ވޯޓުން ފާސްވީ، ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން އެވެ.
ރައީސް އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރީ މިރޭ 19:38 ގަ އެވެ. ބިލުގައި ފުރަތަމަ ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ. އަދި, މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށެވެ.
ތަސްދީގުކުރުމުން ގާނޫނު އަސާސީއަށް އައި ބަދަލުތައް؛
މި އިސްލާހުގެ ދަށުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ހިމަނާފައިވަނީ އާ ދެ ހާލަތެކެވެ. އެއީ އިންތިހާބުވާ މެންބަރަކު މަޖިލީހުގެ އުމުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުުމެވެ.
މި ބިލުގައި ދެން ހުށަހަޅާފައިވަނީ ގާނޫނު އަސާސީގައި ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއަށް މާއްދާއެއް އިތުރުކުރުމެވެ.
އެގޮތުން ރައީސަށް އަލަށް ދޭ ބާރަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާ އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމެވެ.
ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމަށް ބިލު ހުށަހެޅި އިރު އޮތް ނަމަވެސް އެ މާއްދާ ވަނީ މުޅި މަޖިލީހުގެ ކޮމިޓީން ވަނީ އިސްލާހުކޮށްފަ އެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި އިސްލާހުގައި އޮތީ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ. ތަޅުމުން ފާސްކުރީ މިގޮތަށެވެ.
ގާނޫނު އަސާސީއަށް އިތުރުކުރާ މި މާއްދާގެ ދަށުން ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް، އަސްކަރީ ނޫން ހަރަކާތްތަކުގައި އަދި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ރާއްޖޭގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެ އެވެ.
ގާނޫނުއަސާސީގައި މިހާރު ލިޔެފައި އޮތް ގޮތުން ރައްޔިތުންގެ އާންމު ވޯޓަކަށް ދާންޖެހޭނީ ގާނޫނުއަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގެ މާއްދާތަކާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާން ކުރާ މާއްދާ އާއި ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ މާއްދާ ބަދަލު ކުރާ ނަމަ އެކަންޏެވެ.
އެ މާއްދާތައް އިސްލާހު ކުރަން ރެފެރެންޑަމަކަށް ދާންޖެހޭނެ ކަމަށް ބުނާ މާއްދާ، ރިފަރެންޑަމަކަށް ނުގޮސް މިހާރު އޮތް ގޮތުން އިސްލާހު ކުރެވޭނެ އެވެ. ނަމަވެސް ބިލުގައި އޮތީ މާއްދާ ބަދަލު ކުރެވޭނީ ވެސް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment