Advertisement

ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން މަޖިލީހުން ބޭނުމެއް ނުވި، ގާނޫނުއަސާސީ ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

about 21 hours 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފަހުގެ ތާރީހެއްގައި


ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން މަޖިލީހުން ބޭނުމެއް ނުވި، ގާނޫނުއަސާސީ ބަދަލުކުރަން ކޮމިޓީން ފާސްކޮށްފި

about 21 hours 0

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ކުއްލިއަކަށް ހުށަހެޅި އިސްލާހުތައް ފާސްކުރުމުގެ ކުރިން ފުޅާ ދާއިރާއެއްގައި ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރުމަށް ހުށަހެޅި ހުށަހެޅުން ބޭރުކޮށްލައި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކޮށްފި އެވެ.

މިއަދު ހެނދުނު ފުރަތަމަ ކިޔުން އިއްވައި އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިޔަ އެވެ. އެއަށްފަހު މުޅި މަޖިލީހުގެ ކޮމިޓީ މިއަދު މެންދުރު 12:30 ގައި ފަށައި ބިލަށް ކޮމިޓީ މަރުހަލާގައި އިސްލާހު ގެނައުމަށް ފުރަސަތު ހުޅުވާލި އެވެ.

ދެ ގަޑިއިރު ތެރޭ ކޮމިޓީން ވަނީ ބިލު ފާސްކޮށްފަ އެވެ. ފާސްކުރީ މެންބަރުންގެ 75 ވޯޓާއެކު އެވެ. ދެކޮޅަށް 13 މެންބަރުން ވޯޓު ދެއްވި އެވެ. އެ އިސްލާހުތަކާއެކު މަޖިލީހުން ބިލު ފާސްކުރަން މިއަދު ހަވީރު 05:30 ގައި ޖަލްސާއެއް ބާއްވާނެ އެވެ.

އެ ބަދަލުތައް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ. ވޯޓު ގަޑީގައި އެ ހުށަހެޅުން ބޭރުކުރީ 69 މެންބަރުންގެ ވޯޓުންނެވެ. މަޝްވަރާ ކުރަން ތާއީދު ކުރެއްވީ 11 މެންބަރުންނެވެ.

ކޮމިޓީން ބިލު ފާސްކުރީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ދެ އިސްލާހަކާ އެކު އެވެ. ފުރަތަމަ ހުށަހެޅުން ފާސްކުރަން 83 މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެންބަރަކު ވެސް އިންނެވި އެވެ.

އެއީ ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މެންބަރުންގެ ވޯޓަކުން ފާސްކުރާ ގާނޫނަކުން ކަން އެ ބިލުގައި ހިމެނުމަށް ގެނައި ބަދަލެކެވެ. ބިލު ހުށަހެޅިއިރު އޮތީ އެ ބަދަލު ގެނެވޭނީ ތިން ބައިކުޅަ ދެ މެންބަރުންގެ ވޯޓުން ކަމަށެވެ.

ދެވަނަ ހުށަހެޅުމަށް ވޯޓަށް އެހި ވަގުތު މަޖިލީހުގެ ސިސްޓަމަށް މައްސަލައެއް ދިމާވެ ވޯޓު ނެގީ ކޮންމެ މެންބަރަކާ ވަކިވަކިން ސުވާލުކޮށްގެންނެވެ. ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވިއިރު ހަ މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވި އެވެ. ދެ މެންބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވަ އެވެ.

ތިންވަނަ އިސްލާހަކީ މެންބަރުން ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށް މީކާއިލް ހުށަހެޅުއްވި އިސްލާހެކެވެ. ނަމަވެސް, 75 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ވަނީ ބޭރުކޮށްލާފަ އެވެ. ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވި އެވެ.

ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުން އޮތީ މަޖިލިސް މެންބަރުކަމުން ވަކިވުމުގެ މާއްދާތަކާ މެދު އެވެ. އެ މާއްދާތަކަށް އިސްލާހު ހުށަހަޅާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ނަމަވެސް އެމަނިކުފާނު ވިދާޅުވި އިސްލާހެއް ކޮމިޓީއަށް ހުށަހަޅާފައި ނުވެ އެވެ.