Advertisement

އިޔަން އަށް ބަނޑުފިލާ ޗެލެންޖް ކާމިޔާބުކުރެވުނީ "ގިނަ ވެއްޓުންތަކަކަށްފަހު"

19 ނޮވެންބަރު 2024 - 15:32 0

އަތޫފް އާތިފް

އަތޫފް އާތިފް


އިޔަން އަށް ބަނޑުފިލާ ޗެލެންޖް ކާމިޔާބުކުރެވުނީ "ގިނަ ވެއްޓުންތަކަކަށްފަހު"

19 ނޮވެންބަރު 2024 - 15:32 0

މި ފަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފަހު މުބާރާތް، ބަނޑުފިލާ ޗެލެންޖް ކާމިޔާބުކޮށް، މި މުބާރާތުގެ ޓްރޮފީ ހާސިލްކުރި އެންމެ ހަގު އެތުލީޓަކަށްވެވުނީ، މީގެ ކުރިން، ގިނަ މުބާރާތްތަކަކުން ބަލިވެ، އޭގެން ދަސްކުރި ފިލާވަޅުތަކުން ކަމަށް އިޔަން އަހުމަދު ބުނެފި އެވެ.

އުމުރުން 16 އަހަރުގެ އިޔަން، މި ފަހަރުގެ ބަނޑުފިލާ ޗެލެންޖް ކާމިޔާބުކުރީ ފައިނަލުގައި އޭނާގެ، ކޯޗު އަލީ ޖާވިދު (ޖާއްޓޭ) ބަލިކޮށްފަ އެވެ. ފައިނަލަށް އިޔަން ދަތުރުކުރީ އޭނާގެ ބޭބެ، އާމިން އުމަރު މޫސާ ބަލިކޮށްފަ އެވެ.

"އައިސް ޓީވީ"ގެ "މިއަދުގެ ޝޯ" އަށް ދިން އިންޓަވިއުގައި އިޔަން ބުނީ، މި މުބާރާތް ކާމިޔާބުކުރީ ކުރީ މުބާރާތްތަކުންވި ބައްޔާ އެކު އިތުރު ހިތްވަރެއްލައި، އިތުރަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްފަހުގައި ކަމަށެވެ.

"ވަރަށް ގިނަ މަސައްކަތް ކުރެވުނު. ވަރަށް ގިނައިން ދަށް ވެ، ހަމަ ކޮންމެ ފަހަރަކު ދަސްކޮށް ވަރަށް ގިނަ މަސައްކަތް ކުރެވުން މިހާ ހިސާބަށް އައުމަށް" އިޔަން ބުންޏެވެ.

އިޔަންގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންގެ ގޮތުގައި އޭނާ ފާހަގަކުރީ ބޮޑީބޯޑިން އަށް އިޔަން ނެރެދިން އާމިންގެ އިތުރުން އޭނާގެ އާއިލާ އެވެ. އެ ގޮތުން، އިޔަން، ބޮޑީބޯޑިން އަށް ހިތްޖެހުނީ ވެސް އާމިންގެ ފަރާތުން "އިންސްޕަޔާ" ވެގެން ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ކަންކަމުގައި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަން އިޔަން ވަނީ ފާހަގަކޮށްފަ އެވެ.

އިޔަން ބުނީ މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ދިރިއުޅެމުން އަންނަ ގައުމު ޕޯޗުގަލްގެ ލީގުގެ އެއް ވަނަ ހޯދުން ކަމަށެވެ. އަދި، މީގެ އިތުރުން، ވޯލްޑް ޓުއާގެ މުބާރާތްތަކުގައި ކުރިއަށް އޮތްތަނުގައި ބައިވެރިވުން އެއީ އަމާޒެއް ކަމަށް އިޔަން ފާހަގަކުރި އެވެ.

ފައިނަލް ހީޓުގައި އިޔަން އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 4.83 އަދި 5.50 ސްކޯކޮށްފަ އެވެ. އިޔަންގެ ޖުމްލަ ސްކޯ އަކީ 10.33 އެވެ. ފައިނަލް ހީޓުގައި ޖާއްޓެ އެންމެ މަތިން ސްކޯކުރި ދެ ރާޅުގައި އޭނާ ވަނީ 4.00 އަދި 3.83 ސްކޯކޮށްފަ އެވެ. ޖާއްޓެ އަށް ޖުމްލަ ސްކޯކުރެވުނީ 7.83 އެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ބޮޑީބޯޑިން މުބާރާތް ކަމަށްވާ މޯލްޑިވްސް އޯޕަން ބޮޑީބޯޑިން މުބާރާތުން ވިދާލި އިޔަންގެ ހުނަރަށް ދުނިޔޭގެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވަނީ ތައުރީފުކޮށްފަ އެވެ.

ބޮޑީބޯޑިން އެސޯސިއޭޝަނުގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ, އިޔަން ފަދަ ހުނަރުވެރި ޒުވާން ބޮޑީބޯޑަރުން ގިނަ އަދަދަކަށް އިތުރުވުމަށް އެދޭ ކަމަށެވެ. އަދި ކުރިއަށްދާން ބޭނުންވާ ބޮޑީބޯޑަރުން މުބާރާތްތަކުގައި ވާދަކުރުމަށް ވެސް ނިޒާމް ވަނީ އެދިފަ އެވެ.