Advertisement

އެމްޑީޕީގެ ވެރިކަމުގައި ރިސޯޓުތަކަށް ހުށަހެޅީ ޑޮލަރު އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރަން: ސޯލިހު


އެމްޑީޕީގެ ވެރިކަމުގައި ރިސޯޓުތަކަށް ހުށަހެޅީ ޑޮލަރު އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރަން: ސޯލިހު

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރަން ކުރެވުނު މަޝްވަރާތަކާއި މަސައްކަތުގެ ތެރެއިން މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ހުށަހަޅާފައިވަނީ ޑޮލަރުން ލިބޭ އާމްދަނީގެ 10 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯލިހު މިހެން ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ، ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް ހެދި ގަވާއިދާ ގުޅުވައިގެންނެވެ. މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް 50 އަށްވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.

މިއަދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ، މިފަދަ ނިންމުންތައް ނިންމަންވާނީ އެ ދާއިރާއެއްގެ ބަޔަކާއެކު މަޝްވަރާކޮށް ލަފާ ހޯދައިގެން ކަމަށެވެ. މިސާލެއް ގޮތުގައި ދެއްކެވީ އެމްޑީޕީ ސަރުކާރުގައި މިނިމަމް ވޭޖު ކަނޑައެޅުމަށް ކުރި މަސައްކަތާއި މަޝްވަރާތެކެވެ.

"އަޅުގަނޑުމެން ސަރުކާރަށް ޑޮލަރު ވަންނަ މިންވަރު އިތުރުކުރުމަށްޓަކައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެންނާ މަޝްވަރާކުރިން. އަޅުގަނޑުމެން ހުށަހެޅިން ދެ ހުށަހެޅުމެއް. އެއްގޮތަކީ ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ބޭންކުތަކަށް މާރުކުރާށޭ. %30 ގެ ވާހަކަ އަޅުގަނޑު ދެއްކިން، 25، 20، 15، އެންމެ ފަހުން ގޮސް އަޅުގަނޑުމެން ހުށަހަޅާފަ އޮންނާނެ %10 މާރުކުރަން. އެ ހިސާބަށް ގޮއްސަ އޮއްވާ އަޅުގަނޑުމެންގެ ވެރިކަން ބަދަލުވީ،" ސޯލިހު ވިދާޅުވި އެވެ.

ދެވަނަ ހުށަހަޅުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރިސޯޓުތަކަށް ރެވެނިއުގެ ގޮތުގައި ލިބޭ އަދަދުގެ ކޮންމެވެސް އިންސައްތައެއް ރާއްޖޭގެ ބޭންކުތަކުގެ ކޮންމެވެސް މުއްދަތަކަށް ބެހެއްޓުމެވެ.

"ތިން މަސް ދުވަހަށް މިސާލަކަށް ލިބޭނެ ރެވެނިއުގެ 30 ޕަސެންޓު. ތިން މަސް ފަހުން އެ އަދަދު އެ ޑޮލަރު ޔަގީންކަމާއެކު އެބޭފުޅުން ބޭނުންވާ ތާކަށް، ބޭނުންވާ ގައުމަކަށް ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑުމެން އެ ޑޮލަރު ދޭނަމޭ."

މި މަޝްވަރާތަކުގެ ތެރެއިން ޓޫރިޒަމް ވިޔަފާރިވެރިން ހާމަކުރި ކަންބޮޑުވުމަކީ އެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ނެތުން ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ. އެ ޔަގީންކަން އެމްއެމްއޭ އިން ދޭނެ ކަންވެސް ވިޔަފާރިވެންނަށް އެންގި ކަމަށްވެސް ކުރީގެ ރައީސް ވިދާޅުވި އެވެ.

މިކަމުގައި ގޮތެއް ނުނިންމި ލަސްވީ ކޮވިޑާ ހެދި އައި ދަތިތަކާއެކު ދިމާވީ މާލީ ހާލަތުގެ ސަބަބުންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިހާރު މިއޮތް ގަވާއިދުގެ ދަށުން ރާއްޖޭގެ މާލީ ހާލަތާއި ޑޮލަރުގެ ހާލަތު އަދި ފަތުރުވެރިކަމުގެ ދާއިރާވެސް ކުރި އަރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނާއެކު މި ސަރުކާރުން އެނބުރި މަޝްވަރާގެ މޭޒަށް ދާން ޖެހޭ ކަމަށްވެސް ސޯލިހު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ.

މިއީ އިންޑަސްޓްރީގެ ހަގީގަތާ ދުރު ނިންމުމެއް ކަމަށާއި އެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ޕަލްސް، އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ އެމްއެމްއޭ އަށް ސިޓީ ފޮނުވައިފަ އެވެ.