about 4 hours 1
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
about 4 hours 1
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ގެނައި ބަދަލަށް އަމަލު ކުރެވެން ނެތް ކަމަށް، ރާއްޖޭގައި ރިސޯޓުތައް އޮޕަރޭޓުކުރާ ބޭރުގެ ވިޔަފާރިވެރިންނާއި ގްރޫޕުތަކުން ވެސް ސަރުކާރަށް އަންގަން ފަށައިފި އެވެ.
މިހާތަނަށް ދިވެހި ވިޔަފާރިތަކުން ހިންގާ 50 އަށްވުރެ ގިނަ ރިސޯޓުން ވަނީ މި ގަވާއިދުގެ ދަށުން ބޮލަކަށް 500 ޑޮލަރު މާރުކުރެވެން ނެތްކަން އެމްއެމްއޭއަށް އަންގައިފަ އެވެ.
މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަ ދައްކަމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވީ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ބުނެ، ރާއްޖޭން ބޭރުގެ 30 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓަރުން އެމްއެމްއޭއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތައް ހިންގާ ގްރޫޕުތަކާއި ލަގްޒަރީ ރިސޯޓުތައް ހިންގާ މަހުޖަނުން ވެސް ހިމެނެ އެވެ.
މި ސިޓީތައް ލިބިފައިވާކަން އެމްއެމްއޭ އިން ކަށަވަރެއް ނުކޮށްދެ އެވެ. އެ އިދާރާއިން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، މިފަދަ ސިޓީތަކެއް ލިބިފައިވާކަން ޔަގީންކުރެވޭނީ ރަސްމީ މަސައްކަތު ދުވަހެއްގައި ކަމަށެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ.
މިއީ އިންޑަސްޓްރީގެ ހަގީގަތާ ދުރު ނިންމުމެއް ކަމަށާއި އެ ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ޕަލްސް، އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ އެމްއެމްއޭ އަށް ސިޓީ ފޮނުވައިފަ އެވެ.
އޭގެ އިތުރުން، މި ގަވާއިދު ބަދުލުނުކޮށްފި ނަމަ މުސާރަ އާއި ސާވިސް ޗާޖު ދެވޭނީ ދިވެހި ރުފިޔާއިން ކަމަށް ޕަލްސް ކުންފުނިން އެ ކުންފުނީގެ މުވައްޒަފުންނަށް ވަނީ އިއްޔެ އަންގައިފަ އެވެ.
Comment