Advertisement

މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާއިން ރައީސްއާ ބައްދަލު ކުރަން އެދެފި

16 ނޮވެންބަރު 2024 - 14:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޖޭއޭއިން މީގެ ކުރިން ރައީސް އޮފީސް އޮފީހަށް ދިޔުން: މީޑިއާ ކޮމިޝަން ބިލާ ގުޅިގެން ރައީސްއާ މަޝްވަރާ ކުރަން އެމްޖޭއޭގެ ސިޓީއެއް ވަނީ ފޮނުވާފައި -- ފޮޓޯ: އަދަދު ފައިލް


މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާއިން ރައީސްއާ ބައްދަލު ކުރަން އެދެފި

16 ނޮވެންބަރު 2024 - 14:02 0

ދިވެހި މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލައިގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދެފި އެވެ.

އެމްޖޭއޭއިން ރައީސް މުއިއްޒުއަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސް ނުވަތަ ރައީސް އޮފީހުގެ ސިޔާސީ ޕޮލިސީ އޮފީހުގެ އިސްވެރިންނާ ހިއްސާ ކުރަން އެ ޖަމިއްޔާ އިން އެދޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ވެރިކަން ކުރާ ޕާޓީ އަދި މަޖިލީހުގެ އަގުލަބިއްޔަތު ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕްއާ މި ޖަމިއްޔާ އާއި މި ބިލާ ގުޅޭގޮތުން މަސައްކަތް ކުރާ ނޫސްވެރިންގެ ވޯކިން ގްރޫޕުން ބައްދަލު ކުރުމަށް މިހާރު ވަނީ ރަސްމީކޮށް ސިޓީއަކުން އެދިފައި،" އެމްޖޭއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެމްޖޭއޭއިން ބުނީ އެ ބައްދަލުވުން އިންތިޒާމުކޮށްދޭނެ ކަމުގެ ފެހި ސިގްނަލް ވެސް ލިބިފައިވާ ކަމަށެވެ.

މީޑިއާ ކޮމިޝަން ބިލާ ގުޅިގެން އެމްޖޭއޭއިން ބުނީ އެ ބިލު ފާސްވެއްޖެ ނަމަ، ރާއްޖޭގައި އޮތް މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަތަށް ޖެހޭނެ ކަމަށެވެ. އެގޮތުން ބިލުގެ ސަބަބުން ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ނުހަނު ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ މީޑިއާތައް ރެގިއުލޭޓް ކުރަން އުފައްދާ އާ ކޮމިޝަންގެ ތިންބައިކުޅަ ދެބައި އޮންނަންވާނީ މީޑިއާގެ އެކި ވަސީލަތްތަކާއި އެޑިޓަރުންނާއި ސީނިއާ އަދި ޖޫނިއާ ނޫސްވެރިންނާއި މީޑިއާތައް އަދި މަދަނީ ޖަމިއްޔާތައް ތަމްސީލުވާ ގޮތަށް ކަމަށެވެ.