15 ނޮވެންބަރު 2024 - 15:52 0
އަމަން ހަލީމް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި މި އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ: އެސްޑީއެފްގައި ހުރި ފައިސާ އިންވެސްޓުކުރަމުން އަންނަނީ ސަރުކާރުގެ ޓީބިލުތަކުގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
15 ނޮވެންބަރު 2024 - 15:52 0
ދަރަނި ދެއްކުމުގެ ބޭނުމުގައި ފަހަށް ރައްކާ ކުރާ ފަންޑެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި މިހާރު ނަގުދު ފައިސާއިން ހުރި ޑޮލަރުގެ އަދަދު 10 މިލިއަން ޑޮލަރަށް ތިރިވެއްޖެ ކަމަށް އޮޑިޓު އޮފީހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން އެސްޑީއެފްގައި ހުރި ފައިސާގެ ތަފާސްހިސާބުތައް އާންމުކުރީ އެ އޮފީހުން އަންނަ އަހަރުގެ ބަޖެޓަށް ދިން ލަފާގަ އެވެ. އެ ލަފާގައިވާ ގޮތުގައި މިދިޔަ މަހުގެ 17 ގެ ނިޔަލަށް އެ ފަންޑުގައި ކޭޝް ބެލެންސްގެ ގޮތުގައި ހުރީ 10.9 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހުގައި އެ ފަންޑުގައި 18 މިލިއަން ޑޮލަރު ހުއްޓެވެ.
އެސްޑީއެފްގައި ރައްކާކުރާ ޑޮލަރުގެ އަދަދު މަހުން މަހަށް ދަށްވަމުން އަންނަ އިރު، ކުރީ ސަރުކާރެކޭ އެއް ގޮތަށް މި ސަރުކާރުން ވެސް އެ ފަންޑުގައި ހުރި ޑޮލަރު ޑޮމެސްޓިކް ސެކިއުރިޓީތަކަށް (ޓްރެޝަރީ ބިލުތަކާއި ބޮންޑުތަކަށް) އިންވެސްޓު ކުރަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރުގެ ބަޖެޓު ފޮތުގައި ހުރި މައުލޫމާތާއި އޮޑިޓު އޮފީހުން ހާމަކުރި އަދަދުތަކާ އަޅާކިޔާއިރު، ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެއް ވަރުގެ އަދަދެއް އިންވެސްޓުކޮށްފައިވާ ކަމަށް ދައްކަ އެވެ. މި ފައިސާ އިންވެސްޓުކުރަމުން އަންނަނީ ދިވެހި ދައުލަތުގެ ޑޮލަރު ޓީ ބިލުތަކަށެވެ.
ފަންޑުގެ ބޮޑު ބަޔެއް ޓީ ބިލުތަކުގައި އިންވެސްޓުކޮށްފައި ހުރި މައްސަލައިގައި އޮޑިޓު އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ. އަދި މެދުރާސްތާގައި މި ޓީ ބިލުތައް ސެކަންޑްރީ މާކެޓުގައި ވިއްކަން ބަޖެޓު ފޮތުގައި އޮތް ނަމަވެސް ބާޒާރުގެ ހާލަތު ހުރި ގޮތުން މިކަން ކުރެވިދާނެ ކަމާ މެދު އޮޑިޓު އޮފީހުން ސުވާލު އުފައްދާފައި ވެ އެވެ.
"ނަމަވެސް، ދައުލަތުން 2025 ވަނަ އަހަރުގެ ތެރޭގައި ވެސް ޓްރެޝަރީ ބިލު ވިއްކައިގެން ފައިނޭންސް ހޯދުމަށް ހުށަހަޅާފައިވާއިރު، އަދި ދައުލަތުގެ ދަރަނި އިތުރުވެ ދެމެހެއްޓެނިވިކަން ގެއްލިފައިވާ އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ސެކަންޑަރީ މާކެޓުގައި މި ސެކިއުރިޓީސްތަކުގެ ބައެއް ވިއްކުމަކީ ދަތިވާނެ ކަމެއްގެ ގޮތުގައި ބެލެވޭ." އޮޑިޓު އޮފީހުގެ ލަފާގައި ވެ އެވެ.
ސެކަންޑަރީ މާކެޓުގައި މި ސެކިއުރިޓީސްތައް ވިއްކަން ދަތިވުމުގެ އިތުރުން، މިއީ ކުރުމުއްދަތުގެ އިންސްޓްރޫމަންޓުތަކެކަށް ވާތީ، މި އިންސްޓްރޫމަންޓުތައް ވިއްކައިފި ނަމަ ދަރަނި ރީފައިނޭންސް ކުރަން ނުވަތަ ރޯލްއޯވާ ކުރަން ދަތިވާނެ ކަމުގައި ބެލެވޭ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައި ވެ އެވެ.
ސަރުކާރުން މި ފަންޑުގައި ހުރި ފައިސާ ހަރަދުތައް ހަމަޖައްސަން ބޭނުންކުރަމުން އަންނަ އިރު، މިކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގަންނަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ރައްޔިތުންގެ ހައްގުގައި އެ ފަންޑުން ކުރަން ޖެހުނު ހަރަދުތަކެއް ކަމަށެވެ.
ފަންޑުގައި ނަގުދު ފައިސާއިން ހުރި އަދަދު ދަށް ނަމަވެސް އިންވެސްޓުކޮށްފައި ހުރި އަދަދުތައް ހިމަނައިގެން، މުޅި ފަންޑުގައި 217.4 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ދިވެހި ރުފިޔާއިން 5.2 ބިލިއަން އެބަހުއްޓެވެ. މުޅި ޖުމްލަ ފަންޑުގެ ސައިޒަކީ 8.5 ބިލިއަން ރުފިޔާ އެވެ.
Comment