15 ނޮވެންބަރު 2024 - 10:53 0
މުހައްމަދު ޝަހްޒާން
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު -- ފޮޓޯ: ރައީސް އޮފީސް
15 ނޮވެންބަރު 2024 - 10:53 0
ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގަމުންދާ ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓާލައި، ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލު ނުހިމަނައި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް މަދުވުމުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުގެ ގޮތުގައި ހިމަނާފައި ވަނީ ހިނގަމުން އަންނަ 396 މަޝްރޫއުއަކާއި މުޅިން އަލަށް ފަށާ 299 މަޝްރޫއަކާ އެކު ޖުމުލަ 695 މަޝްރޫއު އެވެ. ނަމަވެސް އެއީ ކޮން މަޝްރޫއުތަކެއް ކަމެއް، އޭގެ ތަފުސީލު ބަޖެޓުގައި ހިމަނާފައި ނުވާތީ ނޭނގެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް އެހައި މަދުވެފައިވާއިރު، މި އަހަރަށް ފާސްކުރި ބަޖެޓުގައި އެކަނި ވެސް ޕީއެސްއައިޕީގެ 2000 އެއްހައި މަޝްރޫއު ހިމަނާފައި އޮތެވެ. މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރާ މީހުން ފާހަގަ ކުރަނީ އެ ނުކުތާ އެވެ.
"2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެއް ޕްރޮޖެކްޓެއްގެ ވާހަކަ ލިޔެފައި ނެތް ހިނދު، އޭގެ ކުޑަވެސް ތަފުސީލެއް ނެތް ހިނދު، ވަޒީރުންގެ ފައިބުޑަށް ރައްޔިތުންގެ މަޖިލިސް މެންބަރު ނިސްބަތްވާ ދާއިރާއެއްގެ ތަރައްގީއަށް އެދި މެންބަރު ސަލާން ޖަހަން ދާން ޖެހޭ ނިޒާމު ތިމާމެން އަމިއްލައަށް ގަބޫލު ކުރުމަކީ ރައްޔިތުން އިންތިހާބު ކުރި ރައްޔިތުންގެ މަޖިލިސްގެ މެންބަރު ހިމެނޭ ދާއިރާގެ ރައްޔިތުންނަށް ގައްދާރުވުން ނޫނީ ނުވާނެ،" ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
"ދެން ކީއްކުރާ ރައްޔިތުންގެ މަޖިލިސްއެއްތޯ؟"
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، މަޖިލީހުގައި މި ވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނޭ، ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ މަޖިލީހުގައި ވާހަކަދައްކަވަމުން މިދިޔަ ބުދަ ދުވަހު ވިދާޅުވީ މިއީ ރަށްރަށަށް ކޮށްދޭނެ ކަންކަމުގެ ތަފުސީލު ނުހިމަނައި އެކުލަވައިލި ފުރަތަމަ ބަޖެޓު ކަމަށެވެ. އެގޮތަށް ބަޖެޓު އެކުލަވާލައި ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާގެ ފައިބުޑުގައި ސަލާން ޖަހުވަން ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފެށޭ 2025 ވަނަ އަހަރު އެއްވެސް ރަށަކަށް ހިންގާނެ އެއްވެސް ޕްރޮޖެކްޓެއް މި ބަޖެޓުގައި ޖަހާފައެއް ނެތް. އަޅުގަނޑުގެ ދާއިރާގެ، ހަނިމާދޫގެ ވާހަކައެއް ވެސް ނެތް. އަދި ހިރިމަރަދޫ، ފިނޭ، ނައިވާދޫގެ ވާހަކައެއް ވެސް މި ބަޖެޓުގައި ނެތް އިއްޒަތްތެރި ރައީސް،" ގަފޫރު ވިދާޅުވި އެވެ.
އެ ރަށަކަށް ކަނޑައެޅިފައި އޮތް މަޝްރޫއެއް އެނގެން އެ ރަށެއްގެ ރައްޔިތުން ބޭނުންވާނެ ކަމަށާއި ނިމިދިޔަ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ކުރި މަސައްކަތް ރަށްރަށުން ފެންނަން ހުރި ކަމަށް ގަފޫރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ދެވެނީ 80 ގެ އަހަރުތަކަށް، އަޅުގަނޑުމެންނަށް މި ދެވެނީ 2025 ދޫކޮށް. 1980 ގެ އަހަރުތަކަށް ދާއިރުގައި ދެން ކަމެއް ވާންއޮތީ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން، ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިގެން ކޮށްދެވުނު ކަމެއް ވާ އުސޫލަކަށް ވެއްޓި މިދަނީ އިއްޒަތްތެރި ރައީސް،" ގަފޫރު ވިދާޅުވި އެވެ.
ބަޖެޓުގެ ބަހުސް މަޖިލީހުގައި މިހާރު ކުރިއަށް ދާއިރު، މި އަަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިމަނާފައި އޮތް 12 ބިލިއަން ރުފިޔާ ހަރަދުކުރި ގޮތުގެ ތަފުސީލު ބަޖެޓުގައި ނެތުމުން ވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
އެގޮތުން މާލިއްޔަތު ކޮމިޓީގައި ވެސް ހުންނަވާ، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ މި އަހަރު ބޮޑު މަޝްރޫއެއް، މަސައްކަތެއް ހިންގާފައި ނެތަސް، 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްކޮށްލައިފިކަން ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުން ކަށަވަރު ވެގެން ދިޔަ ކަމަށެވެ.
"އެ ހަރަދު ކުރި ގޮތްތަކެއް ވެސް ނޭނގޭ. ފެންނަން އޮތީ ބަޖެޓު ހުސްކޮށްލިކަން. މަޝްރޫއެއް ނެތް ފެންނާކަށް. އެހެންވެ އަޅުގަނޑަށް ގަބޫލު ކުރެވެނީ އަންނަ އަހަރުގެ ބަޖެޓުގެ ތަފުސީލު ހާމަ އެ ނުކުރަނީ އެކަންކަން ފޮރުވަން ކަމަށް. އެއީ ބޮޑު އޮޅުވައިލުމެއް،" ޝަމްހީދު ވިދާޅުވި އެވެ.
"ބަޖެޓުގައި އެއްވެސް ތަފްސީލެއް ޖަހާފައި ނެތީމަ ރައްޔިތުންނަށް ނޭނގޭނެ ދެއްތޯ ހިންގި މަޝްރޫއެއް ނުހިންގާ މަޝްރޫއެއް. އެއީ އެ އޮޅުވާލާ އޮޅުވާލުމަކީ."
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހާމަނުކޮށްގެން އުޅޭ ސަބަބެއް ހާމަކޮށް ސަރުކާރުން މިހާތަނަށް ސީދާ ޖަވާބެއް ދީފައި ނުވާއިރު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މި މައްސަލައިގައި ސަރުކާރު ޖަވާބުދާރީ ކުރުވަން އެއްވެސް މަސައްކަތެއް ނުކުރާ ކަން ފާހަގަކުރެވެ އެވެ. ބަޖެޓު ބަހުސް ޖަލްސާ ނިންމާލިއިރު، ސަރުކާރަށް ތާއީދުކުރާ އެއްވެސް މެންބަރަކު މިކަމާ ގުޅޭ ކަންބޮޑުވުން މަޖިލީހުގެ ތަޅުމުގައި ފާހަގަނުކުރެ އެވެ.
Comment