Advertisement

ޔުނިވާސަލްގެ ހުއްދަ ހިފަހައްޓަން ސްޓޭޓް މިނިސްޓަރަކު ގޮވާލައިފި

އާޓްވޯކް: އިސްމާއިލް އިމްދާދު


ޔުނިވާސަލްގެ ހުއްދަ ހިފަހައްޓަން ސްޓޭޓް މިނިސްޓަރަކު ގޮވާލައިފި

ރާއްޖޭގައި އަށް ރިސޯޓު ހިންގާ ޔުނިވާސަލްގެ ހުއްދަ ހިފަހައްޓަން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އެއްބަނޑު އެއްބަފާ ބޭބެ، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ގޮވާލައްވައިފި އެވެ.

ޓޫރިޒަމް ފެސިލިޓީތަކުން ރާއްޖޭގެ ބޭންކްތަކުން ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ގަވާއިދާ އެއްގޮތަށް ޑޮލަރު މާރު ނުކުރެވޭނެ ކަމަށް ޔުނިވާސަލްއިން ބުނުމުން، ފޭސްބުކްގައި މުހައްމަދު މުއްތަލިބު ވިދާޅުވީ ޔުނިވާސަލްއަށް "ގަދަ ނުދެއްކޭނެ" ކަމަށެވެ.

"ޔުނިވާސަލްގެ ރިސޯޓް ހުއްދަ ހިފަހައްޓާލާ. އެހެން ގަދަ ދެއްކޭތަ،" މުހައްމަދު މުއްތަލިބު ވިދާޅުވި އެވެ.

ޔުނިވާސަލް އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކުރުނބާ މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، ކުރަމަތި މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، އަދި ދިގަލި މޯލްޑިވްސް އެވެ.

އެމްއެމްއޭގެ ގަވާއިދަކުން ޑޮލަރު މާރުކުރަން އެންގި ނަމަވެސް، އެގޮތަށް އަމަލު ނުކުރެވޭކަން ހާމަކޮށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އަށް ޔުނިވާސަލް އެންޓަ ޕްރައިޒަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނީ އެމްއެމްއޭއިން ރިސޯޓު ރޫމް ރޭޓަށް ބެލުމެއް ނެތި 500 ޑޮލަރު މާރުކުރަން ކަނޑައެޅުމަކީ ސަބަބުވެރި ނިންމުމެއް ނޫން ކަމަށެވެ.

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން އޮކްޓޯބަރު 1 ގެޒެޓުކުރި ގަވާއިދުގެ ދަށުން އެ ފަދަ ތަންތަން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ދީފައި އޮތް ސުންގަޑިއަކީ އޮކްޓޯބަރު 30 އެވެ.