Advertisement

ހާއްސަ ސަބަބެއް ނެތި އިންގްލެންޑުން ކުޅުންތެރިން ވަކިވާތީ ކޭން ރަތަށް

14 ނޮވެންބަރު 2024 - 12:34 0


ހާއްސަ ސަބަބެއް ނެތި އިންގްލެންޑުން ކުޅުންތެރިން ވަކިވާތީ ކޭން ރަތަށް

14 ނޮވެންބަރު 2024 - 12:34 0

ލަންޑަން (ނޮވެމްބަރު 14) - އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުން މަގުބޫލު ސަބަބެއް ނެތި ކުޅުންތެރިން ވަކިވާތީ ޓީމުގެ ކެޕްޓަން ހެރީ ކޭން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ނޭޝަންސް ލީގުގައި ކުރިއަށް އޮތް ދެ މެޗަށް ނެގި އިނގިރޭސި ސްކޮޑުން ނުވަ ކުޅުންތެރިއަކު ވަނީ ވަކިވެފަ އެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ކުޅުންތެރިން ވަކިވީ ކްލަބް ލެވަލްގައި ކުރިއަށް އޮތް މެޗުތަކަށް ފިޓްވުމުގެ ގޮތުން އަރާމްކުރުމަށާއި ރިކަވަރީ ވަގުތެއް ނެގުމަށެވެ.

މީޑިއާގެ އެ ވާހަކަތަކަށް ބާރު ލިބުނީ ކޭން ދިން އިންޓަވިއުއެއްގެ ސަބަބުންނެވެ. އައިޓީވީ ސްޕޯޓްސް އަށް ކޭން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އިންގްލެންޑަށް ކުޅުން އަންނަން ޖެހޭނީ ހުރިހާ ކަަމަކަށް ވުރެން ވެސް ކުރިއަށް ކަމަށެވެ.

"(އިނގިރޭސި ކުޅުންތެރިއަކަށް ވިއްޔާ) އެންމެ ފުރަތަމަ އިހުތިޔާރަކަށްވާންވީ އިންގްލެންޑަށް ކުޅުން. ޔަގީނުން ވެސް އިންގްލެންޑަށް ކުޅުން ކްލަބަށް ކުޅުމަށް ވުރެ ހާއްސަވާން ޖެހޭ، މުހިންމުވާން ވެސް ޖެހޭ،" ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޭން ބުންޏެވެ.

ކޭން ބުނީ މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި އިންގްލެންޑް ޓީމުން ކުޅުންތެރިން އަމިއްލަ އަށް ވަކިވި އަދަދަށް ބަލާއިރު ފެންނަނީ ލަދުވެތި މަންޒަރެއް ކަމަށެވެ. އަދި އިންގްލެންޑްގެ ކޯޗަކަށް ކުރިން ހުރި ގަރެތު ސައުތުގޭޓް ހުރިއިރު، މަގުބޫލު ސަބަބެއް ނެތި ޓީމުން ވަކިވާ ކުޅުންތެރިންނާ މެދު އަމަލުކޮށްފައި ހުރީ އެންމެ ހަރުކަށިކޮށް ކަމަށެވެ.

އެ ގޮތުން، އިންގްލެންޑް ޓީމުން އަނިޔާ އާއި ފިޓްނަސްގެ ސަބަބުން ވަކިވި ކުޅުންތެރިންނަކީ، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، ޗެލްސީގެ ކޯލް ޕާމާ އާއި ލީވައި ކޯލްވިލް، އާސެނަލްގެ ބުކާޔޯ ސަކާ އާއި ޑެކްލަން ރައިސް، މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އާއި ޖެކް ގްރީލިޝް އަދި ސައުތެމްޓަންގެ އާރޮން ރަމްސްޑޭލް އެވެ. މީގެ ތެރެއިން، ގްރީލިޝް، އިންގްލެންޑް ސްކޮޑަށް ނެގި ގޮތާ ގުޅިގެން، އިންގްލެންޑްގެ ޓީމުގެ ނިންމުންތަކަށް، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ފާޑުކިޔައިފަ އެވެ.

ފުރަތަމަ ވަކިވި ކުޅުންތެރިންގެ ބަދަލުގައި ނެގި ކުޅުންތެރިއެއް ކަމަށްވާ އެވަޓަންގެ ޖަރަޑް ބްރަންތުވެއިޓް ވެސް ވަނީ، ފިޓްނަސް އާއި އަމިއްލަ ސަބަބަކާ ހުރެ ޓީމުން ވަކިވެފަ އެވެ. ސްކޮޑުން މި ފަހަރު ވަކިވި ގިނަ ކުޅުންތެރިން އެ ގޮތަށް ނިންމީ ކްލަބްގެ މެޑިކަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު އެވެ.