14 ނޮވެންބަރު 2024 - 12:13 0
14 ނޮވެންބަރު 2024 - 12:13 0
މިއުނިކް (ނޮވެމްބަރު 14) - ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުރިން، އެއް ޖިންސުގެ ގުޅުމަށް ހިތްވަރުދޭ، "ވަންލަވް" ކެމްޕެއިނުގައި ބައިވެރިވެ، ޖަރުމަނު ގައުމީ ޓީމުން ސިޔާސީ ކަމެއްގައި ބައިވެރިވާން ޖެހުނު ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް ޖަރުމަނުގެ ތަރި ޔޯސުއާ ކިމިކް ބުނެފި އެވެ.
ގަތަރު ވޯލްޑް ކަޕްގައި، "ވަންލަވް" ކެމްޕެއިނުގެ ކަންކަން ކުރަން، އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ފީފާ އިން އެންގުމާ ގުޅިގެން، ޖަރުމަނުގެ ފުޓްބޯޅަ ޓީމުން ޓީމު ފޮޓޯ އަށް ހުއްޓުނުއިރު، އަނގަމަތީގައި ވަނީ އަތްއަޅައިފަ އެވެ.
"އަސްލު އަހަރެމެން ބޭނުންވީ ފީފާ އަށް މެސެޖެއް ދޭން،" އޭރު ޖަރުމަނު ކޯޗަކަށް ހުރި، މިހާރު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފައިވެ އެވެ. އެކަމަކު، ނޭޝަންސް ލީގުގެ މެޗުތަކުގެ ކުރިން، ކިމިކް ބުނީ، އޭރު އެ ގޮތަށް އެކަން ކުރެވުނީތީ ހިތާމަކުރާ ކަމަށެވެ.
"ހަގީގަތުގައި އަހަރެމެންނަށް އޮތް ޒިންމާ އާއި އަހަރެމެން ގަބޫލުކުރާ ކަންކަމާ އެ ހުރިހާ ކަމަކަށް އަލިއަޅުވާލައި، އަހަރެމެންގެ އަމަލުތައް ބައްޓަންކުރާނަމަ، ނުޖެހޭ އެ ފަދަ ސިޔާސީ ވިސްނުން އެކުލެވޭ ކަންކަމުގައި ބައިވެރިވާން،" ކިމިކް ބުންޏެވެ.
"މިސާލަކަށް ބަލަމާ ގަތަރުގަައި އަހަރެމެންނަށް އެކަން ކުރެވުމުން، އެ ދެއްކުނީ ޖަރުމަނުގެ އެންމެ ރިވެތި ސިފައެއް ނޫން. އެ ވޯލްޑް ކަޕްގައި ނުހިނގާ އަހަރެމެން ހީކުރިހާ ގޯސް ކަންތައްތަކެއް، އަހަރެމެން ކުރި ކަމަކުން އަހަރެމެންގެ ފޯކަސް ބަދަލުވީ،"
ކިމިކް ބުނީ މުބާރާތް ބާއްވާ ގައުމުގައި އެ ހުންނަ ކަންތައްތަކާ ގުޅޭގޮތުން ފުޓްބޯޅައިގެ ނަޒަރިއްޔާ އިން ވިސްނަން ޖެހޭ ކަމަށާއި ސިޔާސީ ގޮތުން އެ ހުންނަ ގަބޫލުކުރުންތަކާއި ކަންކަމާ މެދު ފުޓްބޯޅަ ކުޅުންތެރިން ވިސްނަންވެއްޖެނަމަ އެއީ އެންމެ ރަނގަޅަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
Comment