14 ނޮވެންބަރު 2024 - 09:55 0
މުހައްމަދު ޝަހްޒާން
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
14 ނޮވެންބަރު 2024 - 09:55 0
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަނުގެ ބިލުގައި ހުރި އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅު ކުއްލި މައްސަލައިގެ ޝަރުތު ހަމަނުވާ ކަމަށް ނިންމައި ބަލައިނުގަންނަން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އިއްވަމުން އަބްދުއްރަހީމް ވިދާޅުވީ މެންބަރު މީކާއިލް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް ރިޔާސަތަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ޝަރުތު ހަމަނުވާތީ ބަލައިގަނެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު، މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް ވަނީ ލިބިފައި، އެ މައްސަލައިގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ އ. އަދި މ. ގައިވާ ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅެން ނެތް ވާހަކަ ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީކާއިލްގެ މައްސަލަ ބަލައި ނުގަންނަން ނިންމީ ޝަރުތު ހަމަނުވާތީ ކަމަށް ބުނި ނަމަވެސް އެއީ ކޮން ޝަރުތެއް ކަމެއް އަބްދުއްރަހީމް ވިދާޅެއް ނުވެ އެވެ. ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ކުއްލި މައްސަލަތަކުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް އަސަރުކުރާ ފަދަ ކަމެއް ކުއްލިއަކަށް ދިމާވުން ހިމެނެ އެވެ.
މަޖިލީހަށް މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޮތީ ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލު ފާޅު ކުރުމަކީ ގަނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.
ނަމަވެސް މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަން ބިލު ފަރުމާ ކޮށްފައި ވަނީ ނޫސްވެރިންނާއި މީޑިއާ ހިންގާ ފަރާތްތައް ސަރުކާރުގެ މުށުތެރެއަށްލައި އެ ކޮމިޝަން ރެގިއުލޭޓު ކުރުމުގެ ފުރިހަމަ ކޮންޓްރޯލް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ކަމަށް ވާތީ އެކަން ކުށްވެރި ކުރާ ކަމަށް މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ސަރުކާރަށާއި މަޖިލީހަށް ގޮވާލާފައި ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގަކަށް ހުރަސް އެޅޭގޮތަށް މަޖިލީހުން ބިލުތައް ފާސްކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށެވެ.
Comment