Advertisement

މިއީ ސިޔާސީ ފިކުރަށް ބަލައި ރައްޔިތުންގެ މެދުގައި ތަފާތު ކުރާނެ ފުރަތަމަ ބަޖެޓު: މައުރޫފް

13 ނޮވެންބަރު 2024 - 12:45 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މިއީ ސިޔާސީ ފިކުރަށް ބަލައި ރައްޔިތުންގެ މެދުގައި ތަފާތު ކުރާނެ ފުރަތަމަ ބަޖެޓު: މައުރޫފް

13 ނޮވެންބަރު 2024 - 12:45 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި ވެސް ހުށަހެޅި އެންމެ ހާމަކަން ކުޑަ ހީލަތްތެރި ސިއްރުވެރި ބަޖެޓު ކަމަށާއި އެ ބަޖެޓަކީ ސިޔާސީ ފިކުރަށް ބަލައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މެދުގައި ތަފާތު ކުރާނެ ބަޖެޓު ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ބަޖެޓު އެކުލަވާލާފައި އޮތްގޮތުން ރައްޔިތުން ބިކަވެ، ވިޔަފާރިތައް ފުނޑުފުނޑުވާނެ ކަމަށާއި މިހާރު އޮތް ގޮތަށް ބަޖެޓު ފާސްކޮށްފި ނަމަ މަޖިލީހުގައި ތިއްބެވި މެންބަރުން ވެސް ފަހުން އެކަމާ ހިތާމަ ކުރައްވާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، މި ބަޖެޓު ވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުގައި އާދޭސްކުރަން މަޖުބޫރު ކުރަނިވި ބަޖެޓަކަށް، އިއްޒަތްތެރި ރައީސް، މި ބަޖެޓު ވެގެން މިދަނީ މިނިސްޓަރުންގެ ފަހަތުން އާދޭސް ކުރަން، ސަލާންޖަހަން ދާންޖެހޭ ބަޖެޓަކަށް، މެންބަރު މިނިސްޓަރުން، ސަރުކާރުގެ ވެރިންގެ ފަހަތުން ސަލާންޖަހައި އާދޭސް ކޮށްގެން މެނުއީ އެއްވެސް ޕްރޮޖެކްޓެއް އެއްވެސް މަޝްރޫއުއެއް ރަށެއްގައި ހިންގަން ނުލިބޭނެ ބަޖެޓަކަށް،" މައުފޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓު މިހާރު އެކުލަވާލާފައި އޮތްގޮތުން އާސަންދަ ފަދަ އަސާސީ ކަންކަމަށް ކޮންމެ ގޭބިސީއަކުން 50،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދެއް ދައްކަންޖެހޭ ކަމަށެވެ. އެކަންކަން އެހެން ހުރިއިރު، ބަޖެޓުގައި ހުރި ހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ދަރަނި ވެސް އިންތިހާއަށް އިތުރުވާތަން ފެންނަ ކަމަށް މައުރޫފް ވިދާޅުވި އެވެ.

"2024 ވަނަ އަހަރު ނިންމައިލީ މިހައިތަނަށް އެއްއަހަރުގެ ތެރޭގައި 22 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާލައިފައި، އަޅުގަނޑުމެންނަށް ފެންނާނެ އޮތީ 2025 ވަނަ އަހަރުގެ ބަޖެޓުގައި، އިއްޒަތްތެރި ރައީސް 19 ބިލިއަން ރުފިޔާ ދަރައި، ޖުމްލަ އަދަދު 150 ބިލިއަނަށް އަރުވާލި ބަޖެޓަކާ އެއްގޮތަށް،" މައުރޫފް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް ބޯހިޔާވަހިކަމަށް ބަޖެޓުގައި ހިމަނާފައި ވަނީ އެންމެ 15 ޕަސެންޓުކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތައް ވެސް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.