13 ނޮވެންބަރު 2024 - 07:19 0
13 ނޮވެންބަރު 2024 - 07:19 0
ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑިއާ ކޮމިޝަނެއް އުފައްދައި، ނޫސްތަކާއި ޓީވީ ޗެނަލްތައް އަދި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލް ފާސްކޮށް ތަސްދީގު ކުރުމާއެކު، މިހާރު އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ ގާނޫނު އުވި، އެ ދެ މުއައްސަސާ ވެސް އުވިގެންދާނެ އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބިލްގައިވާ ގޮތުން އަލަށް އުފައްދާ މީޑިއާ ކޮމިޝަނުން ހަދާ ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ނޫހާއި މަޖައްސާ ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000ރ. އާއި 10،000ރ. އާ ދެމެދުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ.
ބްރޯޑްކާސްޓަރެއް ނަމަ ޖޫރިމަނާ ކުރެވޭނެ އެންމެ މަތީ މިންވަރަކީ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 10 ޕަސެންޓެވެ. އެއީ މިސާލަކަށް، އެއް މިލިއަން ރުފިޔާގެ އާމްދަނީއެއް ނަމަ 100،000ރ. އެވެ. އަހަރުގެ އަމްދަނީ 10 މިލިއަން ނަމަ، 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ.
ބިލް އޮތް ގޮތުން، މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަންގައި ނިނިމި ހުރި މައްސަލަތައް ވެސް އާ ކޮމިޝަނަށް ބެލޭނެ އެވެ.
ހަތް މެންބަރުންގެ މައްޗަށް އާ ކޮމިޝަން އެކުލަވާލާއިރު، ހަތަރު މެންބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުވައިގެން މަޖިލީހުގެ ރުހުމާއެކު އެވެ. ތިން މެންބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ. ނަމަވެސް އެ އިންތިހާބުގައި ވޯޓު ލެވޭނީ އުފެއްދިތާ ފަސް އަހަރު ވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލް އެކުލަވާލާފައި ވަނީ ބަލަމުންދާ މައްސަލައެއް ނިމެންދެން ނޫސް ނެރުން ހުއްޓުވޭ ގޮތަށެވެ. އަދި ވެބްސައިޓު ބްލޮކު ވެސް ކުރެވޭ ގޮތަށެވެ.
މީގެ ކުރިން މީޑިއާތައް ޖޫރިމަނާ ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ގާނޫނެއް ހަދައިގެންނެވެ.
އެ ގާނޫނު މައިގަނޑު ގޮތެއްގައި ފިޔަވަޅު އެޅީ އޭރު ސިޔާސަތުތަކަށް ފާޑުކިޔަމުން ދިޔަ ރާއްޖެ ޓީވީ ހުއްޓުވުމަށެވެ. އެ ޓީވީ ސްޓޭޝަން 3.7 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި އެވެ. އަދި ވީޓީވީ އާއި ސަންގު ޓީވީ ވެސް ޖޫރިމަނާ ކުރި އެވެ.
މަޝްހޫރު އަބުރު ގާނޫނު އުވައިލީ، ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment