12 ނޮވެންބަރު 2024 - 18:58 0
އަހުމަދު އާއިދު
ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ: މިހާރު ކުރިއަށްދާ ކޮޕް 29 ގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާ ނުލިބުން ކަމަށް ---- ފޮޓޯ: ރައީސް އޮފީސް
12 ނޮވެންބަރު 2024 - 18:58 0
ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ބަދަލާ ދެކޮޅަށް ރާވާ ޕްލޭންތަކާއި ކުރާ މަސައްކަތަކަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އެ ޕްލޭންތައް ތަންފީޒު ކުރަން ބޭނުންވާ ފައިސާ ނުލިބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ ކޮޕް 29 ގައި ރާއްޖޭގެ ރަސްމީ ތަގުރީރު އިއްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް 20 އަހަރަށް ރާއްޖެއިން ކަނޑައަޅާ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
އަދި މިއީ މޫސުމީ ބަދަލުތަކާއެކުވެސް ތަރައްގީވެފައިވާ ވިލުންތެރި ގައުމަކަށް ވުމަށް އޮތް މަގުޗާޓު ކަމަށްވީ ނަމަވެސް އެ ޕްލޭންތަކާއި މަސައްކަތަކަށް ހުރަސް އެޅެނީ ވިލުންތެރިކަމަށް ބޭނުންވާ ފައިސާ ނުލިބޭތީ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދުތަކަށް ހުރަސް އަޅަނީ ފައިސާ ލިބުމުގައި ހުރި ދަތިތައް. އިއްޒަތްތެރި ރައީސް. މި ސަބަބަށްޓަކައި މިފަހަރުގެ ކޮޕް އަކީ ނަތީޖާ ނެރެވޭ ބައްދަލުވުމަކަށް ވާން އެބަޖެހޭ. އަލަށް ކަނޑައެޅޭ ކްލައިމެޓް ފައިނޭންސް ގޯލު މޫސުމީ ކާރިސާގެ އަސްލު މަންޒަރާ އެއް ހަމަ ވާން ޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ދުނިޔެ މިހާރު މިއޮތް ހާލަތުން އަރައިގަނެ މޫސުމީ ބަދަލުތައް ކުޑަކޮށް، އެ ބަދަލުތަކާއެކު ދިރިއުޅުމަށް ޓްރިލިއަން ޑޮލަރުން ފައިސާ ބޭނުންވާނެ ކަމަށެވެ. މިފަހަރު ކަނޑައެޅޭ މާލީ ނިޒާމުގެ ތެރެއިން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަދި، ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި މޫސުމީ ބަދަލާއެކު ދިރިއުޅުމަށް ހާއްސަކޮށް މާލީ އެހީތެރިކަން ބޭނުންވާ ގައުމުތަކަށް އެ އެހީތައް ލިބެން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް ވަނީ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން މޫސުމަށް ދެމުންދާ ގެއްލުންތައް ކުޑަކުރުމަށް ވެސް ގޮވާލައްވާފަ އެވެ.
މިފަހަރުގެ ކޮޕް ގައި ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިތައް އެކަށައެޅުމާއި ކާބަން މާކެޓު އޮޕަރޭޝަނަލައިޒް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމާއި އެއްބާރުލުން އިތުރު ކުރުމާއި އެންޑީސީ ތަރައްގީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
Comment