12 ނޮވެންބަރު 2024 - 13:51 0
މުހައްމަދު ޝަހްޒާން
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ -- ފޮޓޯ: ސްކްރީންޝޮޓު
12 ނޮވެންބަރު 2024 - 13:51 0
އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންދިޔަ މޭރީ ގްރޭސް މަރާލި ކަމަށް ބުނާ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.
ލަމްހާ ގޭބަންދަށް ބަދަލު ކުރަން އެ ކޯޓުން އަމުރު ކުރީ ޝަރުތުތަކަކާ އެކު ނަމަވެސް ބަންދުން ދޫކޮށްލަން ލަމްހާ އެދިފައި ވަނިކޮށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި ކޮންމެހެން ގެއިން ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ރާއްޖެއިން ބޭރަށް ފުރައިގެން ނުދިޔުމަށް އެ ކޯޓުން ވަނީ ޝަރުތު ކޮށްފަ އެވެ.
މީގެ ކުރިން މިދިޔަ އަހަރު ވެސް ލަމްހާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި އެވެ. ނަމަވެސް އެ އަމުރު ގޯސްކަމަށް ނިންމައި ދަށު ކޯޓުގެ އަމުރު ހައި ކޯޓުން ބާތިލު ކުރި އެވެ.
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ.
މޭރީ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ.
މާވިން އާއި ލަމްހާއާ ދެމީހުން ސިއްރު ލޯބީގެ ގުޅުމެއް ބާއްވައިގެން އުޅުނުކަމުގެ ތުހުމަތު ކުރެވޭއިރު، ފިލިޕީންސްގައި ވަރިކުރުމަކީ މަނާކަމެކެވެެ.
އޮކްޓޯބަރު 19, 2021، ގައި ފުލުހުންނަށް ރިޕޯޓު ކުރީ ގްރޭސް ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ފެށީ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.
ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ އެ އަހަރުގެ އޮކްޓޯބަރު 27 ގަ އެވެ. ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން އެ އަހަރުގެ ޑިސެމްބަރު 16 ގަ އެވެ.
މާވިންގެ މައްޗަށް އުފުލާފައި ވަނީ އެނގި ހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ދައުލަތުން ކުރަނީ އެނގި ހުރެ މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އޭގެއިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ. އެ ދައުވާތައް ލަމްހާގެ މައްޗަށް ކުރަނީ އައިޖީއެމްއެޗުން ހުއްދަ ނުނަގައި، ނުރައްކާތެރި ބައެއް ބޭސްތަކެއް ލަމްހާ ނެގި ކަމަށް ތުހުމަތުކޮށެވެ.
Comment