12 ނޮވެންބަރު 2024 - 12:05 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލީ ވަޒީރު މޫސާ ޒަމީރާއެކު: ސެޕްޓެމްބަރުގެ ނިޔަލަށް އެސްޑީއެފްގައި ހުރީ 18 މިލިއަން ޑޮލަރު ކަމަށް ސަރުކާރުން ބުނެފި --- ފޮޓޯ: ރައީސް އޮފީސް
12 ނޮވެންބަރު 2024 - 12:05 0
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ހުރީ 18 މިލިއަން އެމެރިކާ ޑޮލަރުކަން ހާމަވެއްޖެ އެވެ.
މިއަދު ގެޒެޓުކުރި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު އެސްޑީއެފްގެ ޑޮލަރު އެކައުންޓުގައި ކޭޝް ބެލެންސްގެ ގޮތުގައި ހުރީ 18 މިލިއަނެވެ. ރުފިޔާ އެކައުންޓުގައި ކޭޝް ބެލެންސްގެ ގޮތުގައި 111 މިލިއަން ހުރިއިރު، ޖުމްލަ ކޭޝް ބެލެންސްގެ އަދަދު 388 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެ ރިޕޯޓުން ދައްކާ ގޮތުން، ޑޮމެސްޓިކް ސެކިއުރިޓީސްތަކާއި ކޮށްފައިވާ އިންވެސްޓްމަންޓުތައް ހިމެނޭހެން އެސްޑީއެފްގެ ޖުމްލަ އެސެޓު އަށް ބިލިއަން ރުފިޔާއަށް އަރަ އެވެ.
ސެޕްޓެމްބަރު މަސް ނިމުނުއިރު، އެސްޑީއެފްގައި 18 މިލިއަން ޑޮލަރު ހުރި ކަމަށް ސަރުކާރުން ބުނެފައި މިވަނީ އެސްޑީއެފް އަށް ޖަމާކުރި ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްފައިވާ ކަމަށް ސަރުކާރުން އެއްބަސްވިތާ ދެ ދުވަސް ފަހުންނެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މި އަހަރުގެ މިހާތަނަށް އެ ފަންޑަށް 78 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އަދި، އެ ފަންޑުން ބައެއް ބޭނުންތަކަށް ފައިސާ ބޭނުންކޮށްފައިވާ ކަމަށް ވެސް އާދިއްތަ ދުވަހުގެ ރޭ އެމަނިކުފާނު އިއުތިރާފުވެވަޑައިގެންނެވި އެވެ.
"ދެން އޭގެން ބޭނުން އެކި ފަހަރު، އެކި ޕޭމަންޓްސްތައް ހެދުމަށް ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ޕޭމަންޓްސް ހަދާ، އަނެއްކާ އެ ރިކަވާ، ރިޕްލޭސް ކުރަނީ. އެހެންވީމަ އަޅުގަނޑުމެންގެ އަމާޒަކީ 78 މިލިއަނުން 100 މިލިއަން ޑޮލަރަށް އަދި ގޮސް މި އަންނަ އަހަރު ނިމެންވާއިރަށް 150 މިލިއަން ޑޮލަރާ ހަމައަށް ވެސް ގެންދިޔުން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިކަން ހާމަކުރެއްވި އިރު، އެއްވެސް ބޭނުމަކަށް އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކުރި ކަމަކަށް ސަރުކާރުން ނުބުނެ އެވެ. ސަރުކާރުން ނުބުނި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ "އަދަދު" އިން ވާނީ އެސްޑީއެފްގައި ހުރި ފައިސާ އެކި ފަހަރު މަތިން ބޭނުންކޮށްފައިވާ ކަމުގެ ހަބަރުތައް ގެނެސްދީފަ އެވެ.
Comment