11 ނޮވެންބަރު 2024 - 10:44 0
ލީވާން އަލީ ނާސިރު
ކްރިމިނަލް ކޯޓު: ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓުގެ އާ އިމާރާތް އަންނަ އެޕްރިލްއަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި -- ފޮޓޯ؛ އަދަދު ފައިލް
11 ނޮވެންބަރު 2024 - 10:44 0
ޝަރުއީ ދާއިރާއަށް ބޭނުންވެފައިވާ އިމާރާތްތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކްރިމިނަލް ކޯޓުގެ އިމާރާތް އަންނަ އޭޕްރިލްއަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގައި ހުރި ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިތައް ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގައި ހަދާ ނިންމާ އިމާރާތާ އެކު ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ހައްލުވެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށެވެ.
"މި އަންނަ އަހަރު އިރާދަ ކުރެއްވިއްޔާ ޝަރުއީ ދާއިރާއަށް ބޭނުންވެފައިވާ އިމާރާތުގެ ޖާގައިގެ ބޮޑެތި ކަންތައްތަކެއް ހައްލުވާން ފަށާނެ، އެއް ކަމަކަށް މިހާރު އަޅުގަނޑުމެންގެ މި ސަރުކާރުން ހަވާލުކޮށްގެން ނިމެމުން އެދާ ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް މި އަންނަ އަހަރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މާޗު އޭޕްރިލް ހިސާބުގައި ނިމޭކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކައިގައި، ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ކުރާނެހާ ވެސް ކަމަކީ ޝަރުއީ ދާއިރާއަށް ބޭނުންވެފައި ހުރި ކަންތައްތައް މަގުފަހި ކޮށްދިނުން ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދީފައި ވާނެ ކަމަށެވެ.
އެ ގޮތުން ޝަރުއީ ދާއިރާގެ ސުޕީރިއާ ކޯޓް ކޮމްޕްލެކްސް ހުޅުމާލޭގައި އެޅުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އަންނަ އަހަރު އެ މަޝްރޫއުގެ މަސައްކަތް ވެސް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓަކީ މާލޭގައި ހުންނަން ޖެހޭ ތަނެއް ކަމަށް ގަބޫލުކުރެވޭތީ، އެ ކޯޓު އެޅުމަށް ބޭނުންވާ ބިން މިދިޔަ ހަފުތާގައި ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ސިވިލް ސާވިސް މުވައްޒަފުން ހިމެނޭ ގޮތަށް އަންނަ އަހަރު ބޮޑުވާނެ ކަމަށާއި ޝަރުއީ ދާއިރާއަކީ މިނިވަންކޮށް އެހެން ބަޔަކަށް ބަރޯސާނުވެ ހިނގާ ތަނެއް ގޮތުގައި ހެދުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Comment