10 ނޮވެންބަރު 2024 - 12:22 0
10 ނޮވެންބަރު 2024 - 12:22 0
ގައުމީ ޓީމުގެ ހުނަރުވެރި ފެތުންތެރިޔާ، ހަމްނާ އަހުމަދު، ރާއްޖޭގެ އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާ ކޮށްފި އެވެ.
އޭނާ މި ރެކޯޑް އާ ކުރީ، ހަންގޭރީގައި މިހާރު ކުރިއަށްދާ އެ ހައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕްގަ އެވެ. މިއީ މި މުބާރާތުގައި ހަމްނާ އާ ކުރި ހަތަރު ވަނަ ގައުމީ ރެކޯޑް އެވެ.
ހަންގޭރީގައި މިދިޔަ އަހަރުން ފެށިގެން ޓްރެއިނިން ހަދަމުން އަންނަ ހަމްނާ، އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ހެދީ 01:22.65 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް އެންމެ ފަހުން އޮތީ ވެސް ހަމްނާ އަތުގަ އެވެ. އެއީ، މި އަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި 01.23.76 އިން ރޭސް ނިންމައިގެންނެވެ.
ހަމްނާ ވަނީ، އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. މި ރެކޯޑް އެންމެ ފަހުން ހެދީ، މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި، ގައުމީ ޓީމުގެ ފެތުންތެރިޔާ، އައިޝަތު ސާޖިނާ އެވެ. ސާޖިނާ އެ ފަހަރު ރެކޯޑް ހެދީ 03:08.91 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. ހަމްނާ، އެ ރެކޯޑް މުގުރާލި ޓައިމިން އަކީ، 03:00.53 އެވެ.
ހަންގޭރީ މުބާރާތުގައި ހަމްނާ ވަނީ މީގެ ކުރިން ވެސް ދެ ގައުމީ ރެކޯޑެއް ހަދައިފަ އެެވެ. އެއީ، އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑާއި އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އެވެ.
Comment