Advertisement

ޕޮލެންޑް މުބާރާތުން ލައިބާގެ ޕެއާ އަށް ލޯ މެޑަލް

10 ނޮވެންބަރު 2024 - 12:14 0


ޕޮލެންޑް މުބާރާތުން ލައިބާގެ ޕެއާ އަށް ލޯ މެޑަލް

10 ނޮވެންބަރު 2024 - 12:14 0

ޔޫރަޕްގެ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ހިމެނޭ، ޕޮލެންޑްގެ ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލް މުބާރާތުގެ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުން، ރާއްޖޭގެ ލައިބާ އަހުމަދު މަހުލޫފް (އެލީ) އާއި ލިތުއޭނިއާގެ ޖޫލިއަސްގެ ޕެއާ ލޯ މެޑަލް ހޯދައިފި އެވެ.

ސެމީ ފައިނަލުން ލައިބާ އާއި ޖޫލިއަސްގެ ޕެއާ ބަލިވީ، ޕޮލެންޑުގެ އަލެކްސަންޑަ ޓާކްސީ އާއި ކްލައުޑިއާގެ ޕެއާ އަތުންނެވެ. އެއީ، 21-11، 21-07 އިންނެވެ. ބެޑްމިންޓަންގައި ސެމީ ފައިނަލުން ބަލިވާ ދެ ޕެއާ އަށް ވެސް ލޯ މެޑަލް ލިބެ އެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ލައިބާ ބުނެފައިވަނީ، މި ފަހަރުގެ ޕޮލެންޑް މުބާރާތުގައި އޭނާ ވާދަކުރި 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، މެޑަލަކާ އެކު މުބާރާތް ނިންމާލެވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި އަހަރު އިންޓަނޭޝަނަލް މުބާރާތްތަކުގެ 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް، ހަތް ލޯ މެޑަލާއި ދެ ރިހި މެޑަލް ލިބުމަކީ، އަންނަ އަހަރާ ކުރިމަތިލާއިރު، ހިތްވަރަކަށްވާނެ ކަމަށެެވެ.

ޕޮލެންޑް މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސްގެ ގަދަ 16 ބުރުން ލައިބާ ބަލިވީ ޕޮލެންޑްގެ ލެނާ ޕަޒްޗެކް އަތުން 21-10 އާއި 21-10 އިން ބަލިވުމުންނެވެ.

މި މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ރާއްޖޭގެ ކިޔާން އާދިލް މުހައްމަދު ބައިވެރިވި އެވެ. އެ ގޮތުން، ކިޔާން އާއި ޔޫކްރެއިންގެ މެކްސިމް އާބަންސްކީގެ ޕެއާ ކުޅުނު 15 އަހަރުން ދަށުގެ މިކްސް ޑަަބަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ މެޗަކުން ވަނީ މޮޅުވެފަ އެވެ. އެއީ، ޕޮލެންޑްގެ ސްޒީމަން ވަވްރެނިއަކް އާއި އަޑްރިއާނާ ކަބަކްގެ ޕެއާ އަތުންނެވެ. ސެޓުތައް ގެންދިޔައީ، 21-12، 21-12 އިންނެވެ. ކިޔާން އަށް އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އިވެންޓްތަކުގައި ރަނގަޅު ވާދަައެއް ކޮށްގެން ވެސް މޮޅެއް ނުހޯދުނެވެ.