10 ނޮވެންބަރު 2024 - 11:44 0
އަތޫފް އާތިފް
ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކޯޗު އަލީ ސުޒޭން.--- ފޮޓޯ: އަދަދު ސްޕޯޓްސް
10 ނޮވެންބަރު 2024 - 11:44 0
ރާއްޖޭގެ ފުޓްބޯޅައިގެ މިހާރުގެ ހާލަތުގައި ހުރި ގޯސް ކަންކަމަށް ނުވިސްނައި، މިހާރުގެ ފޯކަސް ހުރީ ކުރިއަށް އޮތް ބަންގްލަދޭޝް ދެ މެޗަށް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ގައުމީ ޓީމުން އަހަރަކަށް ފަހު ބައިނަލްއަގްވާމީ ފުޓުބޯޅަ މެޗުތަކެއްގައި އަންނަ ހަފްތާގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން މިއަދު ފުރާނެ އެވެ.
ފީފާގެ ބްރޭކެއްގައި ކުޅޭ މި މެޗުތަކަށް ރާއްޖޭގައި ގައުމީ ފުޓުބޯޅަ ޓީމުން އޮތީ ރަނގަޅު ފަރިތަކުރުންތަކެއްކޮށް ތައްޔާރުވެފައި ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތައް މާލޭގައި އެންމެ ފުރަތަމަ ފެށީ މާޒިޔާ ކުޅުންތެރިން ނުލަ އެވެ. އެކަމަކު، އޭއެފްސީ ޗެލެންޖް ލީގަށް ފަހު މާޒިޔާ ކުޅުންތެރިން ވަނީ ގައުމީ ޓީމާ ގުޅިފަ އެވެ.
"މާޒިޔާ ކުޅުންތެރިން އެއީ އޭއެފްސީގައި ތިން މެޗު ކުޅެފައި. އެހެންވެ އެ ކުޅުންތެރިންގެ ފިޓްނަސް ލެވަލް އެހުރީ ރަނގަޅަށް. ދެން ބަލަންޏާ ޓީމުގައި މިތިބި ކުޅުންތެރިން, ނިހާޓު މެން އަތޮޅު ތެރޭގައި ގިނަ މެޗުތަކެއް ކުޅެފި، އެ ކުޅުންތެރިންގެ ފިޓްނަސް ލެވަލްވެސް ގޯހެއް ނޫން" "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ, މި ހާލަތަކީ ފުޓުބޯޅައިގެ "ނެގެޓިވް" ކަންކަމަށް ވިސްނުމަށް ވުރެން ފުޓުބޯޅަ އަށް ކޮށްދެވެން ހުރި ކަންކަމަށް ވިސްނަންވީ ވަގުތު ކަމަށެވެ. އެހެންވެ، މި ވަގުތު ދިވެހި ފުޓުބޯޅައިގެ ހައްގުގައި މި އަށް ކޮށްދެވެން އޮތް އެންމެ ބޮޑު ކަމަކީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކުރުން ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.
ރާއްޖޭން ބަންގްލަދޭޝްއާ ދެކޮޅަށް މި މަހު ނުކުންނައިރު, އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ނެރެފަ ހުރި ނަތީޖާތަކާ މެދު ނުވިސްނާ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭން ކުޅުނު ފަސް މެޗަށް ބަލާއިރު ތިން މެޗުން ބަންގްލަދޭޝް މޮޅުވިއިރު، ރާއްޖެ މޮޅުވީ އެއް މެޗުންނެވެ. އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
އެ ގޮތުން، ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕާއި މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ރާއްޖެ މޮޅުވީ، 2022 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެއްވަރުވީ، މިދިޔަ އަހަރު މާލޭގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ ލެގުގަ އެވެ.
Comment