about 3 hours 0
އަހުމަދު އާއިދު
މާލެ ސަރަހައްދުގައި އަލަށް ހަދާ އިމާރާތެއްގައި ބަޔަކު މަސައްކަތް ކުރަނީ: ފަސް ޕަސެންޓު އިންޓުރެސްޓުގައި ލޯނު ލިބޭ ހިޔާވަހި ސްކީމުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ސަރުކާރުން ވަނީ މިއަދު ހުޅުވާލާފަ --- ފޮޓޯ: އަދަދު
about 3 hours 0
ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓުރެސްޓު ރޭޓެއްގައި ލޯނު ދޫކުރާ ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނަށް އެދި ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ މި ސްކީމުގެ ދަށުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދު އެވެ. ލޯނަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅޭނީ ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން އެކުލަވާލި މި ސްކީމު، އެމަނިކުފާނު އިފުތިތާހު ކޮށްދެއްވީ ނޮވެމްބަރު 5، ގަ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ސްކީމުތަކުގެ ދަށުން ފުރަތަމަ އެޕްލިކޭޝަން ހުޅުވާލުމަށް ރޭވިފައިވަނީ ހަ މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ. ފުރަތަމަ ބުރުގެ މުއްދަތު ހަމަވާނީ އެޕްރީލް 8، 2025 ގެ ރޭ 11:59 އަކާ ހަމައަށެވެ.
ހިޔާވަހި ސްކީމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ލޯނު ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ކެޓެގަރީއަށް ބަހާލައިގެންނެވެ. މި ކެޓަގަރީތަކުގެ ތަފުސީލާއި ކުރިމަތިލާން ބޭނުންވާ ޝަރުތުތައް އަދި ލޯނު ދޫކުރެވޭ އުސޫލުތައް ހައުސިން މިނިސްޓްރީން މިހާރު ވަނީ ގެޒެޓުކޮށްފަ އެވެ.
މި ތިން ކެޓަގަރީގެ ތެރޭގައި ހިމެނެނީ، މިލިއަނަކާ ހަމައަށް ލޯނު ދޫކުރާ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ ކެޓަގަރީއަކާއި، ތިން މިލިއަނާ ހަމައަށް ލޯނު ދޫކުރާ އާބަން ސެންޓަރުތަކަށް ހާއްސަ ކެޓަގަރީއެއްގެ އިތުރުން، ހަ މިލިއަނާ ހަމައަށް ލޯނު ދޫކުރާ މާލެ ސަރަހައްދަށް ހާއްސަ ކެޓަގަރީއެކެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މިދިޔަ މަހު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއް ވަނީ ހިމަނާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment