7 ނޮވެންބަރު 2024 - 07:16 2
އަހުމަދު އާއިދު
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު: އޭނާ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓުގައި ގެދޮރުވެރިކަމަށް ހިމަނާފަ އޮތީ ވޭތުވެދިޔަ ތިން އަހަރަށްވުރެވެސް މަދު އަދަދެއް ކަމަށް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
7 ނޮވެންބަރު 2024 - 07:16 2
'ބޯހިޔާވަހިކަމުގެ ބަޖެޓު' ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ދެއްވި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ރައީސް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިމަނާފައި އޮތީ މިދިޔަ ތިން އަހަރަށް ވުރެ ވެސް މަދު އަދަދެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ ތަފުސީލުތައް ހިއްސާކުރައްވަމުން އަމީރު ވިދާޅުވީ، ބަޖެޓުގައި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހިމަނާފައި ވަނީ 2.7 ބިލިއަން ރުފިޔާ ކަމަށެވެ.
"މިއީ ވޭތުވެދިޔަ ތިން އަހަރަށް ވުރެ ވެސް ކުޑަ އަދަދެއް. 2022 ވަނަ އަހަރު އަޅުގަނޑުމެން ހަރަދުކޮށްފަ އޮތީ ތިން ބިލިއަން ރުފިޔާ. 2023 ވަނަ އަހަރު 3.4 ބިލިއަން ރުފިޔާ. 2024 ވަނަ އަހަރު ވެސް 3.4 ބިލިއަން ރުފިޔާ. އެކަމަކު 2025 ވަނަ އަހަރަށް ހުށަހަޅާފަ މިއޮތް ބަޖެޓުގަ ގެދޮރުވެރިކަމަށް ޖުމްލަ ބަޖެޓު މި އިންނަނީ 2.7 ބިލިއަން ރުފިޔާ،" އަމީރު ވިދާޅުވި އެވެ.
އަދަދުތައް މިހެން ހުރިއިރު، ސަރުކާރުން މިއީ ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ގޮތުގައި ސިފަކުރައްވަނީ ކިހިނެތް ބައްލަވައިގެންތޯ ނިމިދިޔަ ފަސް އަހަރުގެ ބަޖެޓު އެކުލަވާލެއްވި ވަޒީރު ވަނީ ސުވާލު އުފައްދަވާފަ އެވެ. މި ބަޖެޓަކީ 'ބޯހިޔާވަހިކަމުގެ ބަޖެޓު' ގެ ގޮތުގައި ރައީސް ސިފަކުރެއްވީ މަޖިލީހަށް ބަޖެޓު ހުށަހެޅި ދުވަހު ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ، އަދި ހަމަ ހަގީގަތުގަ ތަންފީޒުވެގެންދާއިރު ވާނީ ބޯހިޔާވަހިކަމުގެ ބަޖެޓަށް. ތިބޭފުޅުންނަށް އެންމެ މުހިންމީ ގެދޮރުވެރިކަން. ކިޔަވައިގެން މި ނުކުންނަނީ ވަޒީފާއެއް އަދާކުރަން. ގިނަ ބޭފުޅުން އުޅެން ޖެހެނީ، އުޅޭނެ ތަނެއް ނެތީމަ އެންމެން، އާއިލާ މީހުން އެއްވެލައިގެން ކުއްޔަށް ހިފައިގެން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، އަމީރު ވަނީ މި ބަޖެޓުގައި ބޮޑު ހޭދައެއް ހިމަނާފައިވަނީ އިދާރީ ކަންކަމަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގެދޮރުވެރިކަމުގެ އިތުރުން އިގުތިސޯދީ ތަރައްގީއަށް ހޭދަކުރަން ހިމެނި މިންވަރު އެތައް އިންސައްތައެއް މަދުވި ނަމަވެސް، އިދާރީ ކަންކަމަށް ހިނގާނެ ކަމަށް ލަފާކުރާ އަދަދު %23 އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން މިހާތަނަށް ވެސް މަޖިލިސް މެންބަރުންނަށާއި އާންމުންނަށް ބަޖެޓު ފޮތް ނުލިބޭ ކަމަށް ވިދާޅުވެ މިއީ އެންމެ ސިއްރުކަން ބޮޑު ގޮތެއްގައި ފާސްކުރުމަށް ސަރުކާރަކުން މަސައްކަތް ކުރަމުންދާ ބަޖެޓު ކަމަށް ވިދާޅުވެ އަމީރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ދޮންކަލޯ
4 months ago
6.4 ބިލިޔަން ދިރުވައިލައިގެން ރައްޔިތަކަށް ވީފައިދާއެއް ލިބުނު ފްލެޓެއް/އެޕާރޓްމެންޓެއް، ވެރިކަން ގެއްލި މަގާމު ގެއްލުނު އިރުވެސް ރައްޔިތަކަށް ނުފެނުނު. މިހާރު ރައްޔިތުންނަށް ފެންނަނީ އަމީރުގެ މުއްސަނދި ކަމާއި ވިޔަފާރިތަށް، ބޮޑީގާޑުންނަށް ބޮޑު މުސާރަދީގެން ގެންގުޅޭ މަންޒަރު. ކުރިން ނެތް އެއްޗެހި ތަކެއް މިހާރު ހުރި މަންޒަރު. ހޯދި ގޮތެއް ކުރި މަސައްކަތެއް ދުއް މީހަކު ނޫޅޭ. އެކަމުކު ވަރައްވެސް މުއްސަނދި. ލަދުގެ ކަންފުޅެއްވެސް ނެތް ކަމާއެވެ.
ހަލީމު
4 months ago
3އަހަރުގެ ބަޖެޓް ބޮޑުކަމުންދޯ ހުރިހާާ އެންމެންގެ ގެދޮރުއަޅާނިމިފަހިރީ މީލަދެއްގައްނަ ސޮރެއްވެސްނޫންދޯ
Comment