Advertisement

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ލީޑާޝިޕަށް އެންގިން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގެ ކުރިން ހުންނެވި ޖަލު ހުކުން ތަންފީޒުކުރެއްވި ދުވަސްވަރު ކަރެކްޝަންގެ ލޯންޗެއްގައި: ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ލީޑާޝިޕަށް އެންގި ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު


ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ލީޑާޝިޕަށް އެންގިން: ޔާމީން

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ގާނޫނީ ވަކީލުން މެދުވެރިކޮށް ޕީޕީއެމްގެ ލީޑާޝިޕަށް އެންގެވިން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ޔާމީން ދެއްވި އިންޓަވިއުއެއްގައި އިންތިހާބު ބޮއިކޮޓް ކުރައްވަން އެންގެވިންތޯ އެހުމުން ޔާމީން ވިދާޅުވީ "ޝައްކެއް ވެސް ނެތް" ކަމަށެވެ.

"ޝައްކެތް ވެސް ނެތް. އެއީ ސަބަބަކީ އަޅުގަނޑުމެން ޕާޓީގެ ލީޑަރުން ދެއްތޯ އެންމެ އަޑުގަދަކޮށް ވަކާލާތު ކުރަމުންދިޔައީ ރައީސް ޔާމީނާ ނުލައި ރިޔާސީ އިންތިހާބެއް ނުބޭއްވޭނެއޭ. އެހެންވީމަ އެއް ކަމަކަށް ބޭނުންވީ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުގެ އިންތިހާބުގެ އެލިޖިބިލިޓީ ސުޕްރީމް ކޯޓުން ނަގާލި ނަގާލުމަކީ އެއީ ރަނގަޅަށް ކުރި ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޔާމީން ވިދާޅުވި އެވެ.

އިންތިހާބުގެ ކުރިން ހައި ކޯޓުގައި އޮތް އިސްތިއުނާފްގެ މައްސަލަ ނިންމައި ދިނުމަށް ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ވެސް އެދުނު ކަމަށް ވެސް ޔާމީން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޔާމީން ވިދާޅުވީ ޕީޕީއެމްއިން އެންމެ ވަރުގަދަ އިދިކޮޅު މައި ޕާޓީގެ ގޮތުގައި އޮވެ މިދިޔަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރިނަމަ ދުނިޔޭގެ ސަމާލު ކަމަށް އެކަން އައިސް، ކޯޓުގެ ތެރެއިން ކޮންމެ ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވުނު ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބަށް ޕީއެންސީން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓެއް ގޮތަށް ނެރުއްވީ އެ އޮންނަ ޕްރޮސެސްގެ ތެރެއިން ރަނގަޅަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރިން ރައީސް ޔާމީން އެންގި ކަމަށް އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމުން، އެކަން ޕީޕީއެމްގެ ލީޑާޝިޕުން ގަބޫލު ކޮށްފައެއް ނުވެ އެވެ.