Advertisement

އެމްޑީޕީއާ ގުޅިގެން މި ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތެއް ނުކުރާނަން: ޔާމީނު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު: އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއާ ގުޅިގެން މި ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ---- ފޮޓޯ: އަދަދު


އެމްޑީޕީއާ ގުޅިގެން މި ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތެއް ނުކުރާނަން: ޔާމީނު

އިދިކޮޅުގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އާ ގުޅިގެން ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީއަށް އެމަނިކުފާނު އިތުބާރު ނުކުރައްވާ ކަމަށާއި އެ ޕާޓީން މަސައްކަތް ކުރަނީ ރާއްޖެއަށް ހެޔޮ ގޮތް އެދިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ނޫން. ތިއީކީ ވާނެ ކަމެއް ނޫން. ވާގޮތަކީ، އަޅުގަނޑުމެންގެ އައިޑޮލޮޖީއާ އެމްޑީޕީގެ އައިޑޮލޮޖީއާ ތަފާތު. އަޅުގަނޑަށް މި ކުރި ހުރިހާ ޖެއްސުމަކާ ހުރިހާ ގޯނާއެއް ކުރީ އެމްޑީޕީ ސަރުކާރުން ނޫންތޯ. އެހެންވީމަ ކީއްކުރަންތޯ އެމީހުންނާ އެކީ ކުރިއަށްދާންވީ،" އެމްޑީޕީއާއެކު ކޯލިޝަނަކަށް ވަޑައިގެންފާނެތޯ އެހުމުން ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެމްޑީޕީއާ ވާހަކަތަކެއް ދެއްކިދާނެ. އެކަމު އެމީހުންނާ އެކީ އެގްރީމެންޓެއް ހަދައިގެން، އެމީހުންނާ އެކީ ސިޔާސީ މަސައްކަތް ކޮށް މި ސަރުކާރު ވައްޓާލަން. ސަރުކާރަށް ދެރަދޭން. މިކަންކައް ކުރާކަށް ކޮންމެހެން އަޅުގަނޑު ނެތިން އެމްޑީޕީއާ އެކީ."

އެމްޑީޕީން ބައެއް ކަންކަން ރަނގަޅަށް ކުރި ނަމަވެސް ރާއްޖެ އިންޑިއާގެ ދަށުވެގެން، ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔައީ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވެ ޔާމީނު ވަނީ އެއީ ވެސް އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.

މިހާރު ޕީއެންއެފްގެ ލީޑަރުގެ ގޮތުގައި ހުންނެވި ޔާމީން އެމްޑީޕީއާއެކު ރަސްމީ މަސައްކަތްތަކެއް ނުކުރެއްވި ނަމަވެސް ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރެއްވި އެވެ. އެކަން ކުރެއްވީ ޕީއެންއެފް އިން ހުރިހާ ދާއިރާއަކަށް ވާދަނުކުރާތީ އެވެ.

މި ސަރުކާރާ ދެކޮޅަށް އެމްޑީޕީ އާ ދާދި އެއް މިސްރާބެއްގައި ޕީއެންއެފް އިން ފާޑުކިޔަމުންދިޔަ ނަމަވެސް މިހާތަނަށް އެ ދެ ޕާޓީންވެސް އެކުގައި މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ނުކުރެ އެވެ. ނަމަވެސް މަދުން ނަމަވެސް ސަރުކާރު ޖަވާބު ދާރީ ކުރުވުމަށްޓަކައި ދެ ޕާޓީ އެކުގައި ފެނިދާނެ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން ފެތުރެ އެވެ.