ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމާއެކު މުޅި ދުނިޔެ ވެސް އެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ތެދުވި އެވެ.
ކުށެއް ނެތް މުސްލިމު ގައުމެއް ނައްތާލަން ބަޔަކު އުޅޭތީ އަދި އެކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އިޖާބަ ދޭތީ އެކަންކަމާ ދެކޮޅަށް ދިވެހިން ވެސް އަޑު އުފުލި އެވެ.
ދިވެހިން، ފަލަސްތީނާއެކު ތިބި ތިބުމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފަލަސްތީނާ ދެކޮޅަށް ހެޔޮ ހިތުން ބަހެއް ނުބުނާނެ އެއްވެސް ދިވެއްސަކު މި ރާއްޖެއަކު ނުހުންނާނެ އެވެ.
އެކަމަކު، ފަލަސްތީނާ އެއްކޮޅަށް އަދި އިޒްރޭލާ ދެކޮޅަށް އަޑުއުފުލުމުގައި ސީދާ ހަރަކާތަށް ދިވެހިންގެ ގިނަ ބަޔަކު ނުކުތީ މަދު ފަހަރަކު އެވެ. އެ މަސައްކަތުގައި މިއަދާ ހަމައަށް ވެސް ދެމިތިބީ އަތުން ގުނާލެވޭހާ ވެސް މަދު، ދެތިން މީހެކެވެ.
އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ޑރ. ޝަޒްރާ އިބްރާހިމް އާއި އައިޝަތު ޝާދިޔާ އެވެ. އިޒްރޭލުގެ ނަސްލުހޭދު ކުރުމާމެދު ދިވެހިން ހޭލުންތެރި ކުރުވުމަށާއި އިޒްރޭލަށް ފައިސާ ލިބޭ މަގުތައް ބޮއިކޮޓް ކުރަން އެ ދެ ބޭފުޅުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ.
އެކަމަކު، ދުވަސްގަނޑަކަށް ނަމަވެސް ޝަޒްރާ އާއި ޝާދިޔާގެ އަޑު ކެނޑުން އޮތީ ދާދި ކައިރީގައި ކަމަށްވެދާނެ އެވެ. އާންމުންގެ ސަޕޯޓު ލިބެމުންދަނިކޮށް އެ ދެ ބޭފުޅުންނާ ދެކޮޅަށް ތެދުވީ ދިވެހި ސަރުކާރެވެ. ދިވެހި ދައުލަތުން ފުރަތަމަ ކުރި ކަމަކީ ހައްޔަރުކޮށް ނުވަ ދުވަހު ޖަލުގައި ބޭތިއްބުމެވެ. މިހާރު ސަރުކާރުން މަސައްކަތް ކުރަމުން އެ ދަނީ ޖިނާއީ ދައުވާތަކެއް އުފުލައިގެން އެއަށް ވުރެ ގިނަ ދުވަހު އެ ދެ ބޭފުޅުން ޖަލުގައި ބޭއްވޭނެ ގޮތެއް ހޯދުމަށެވެ.
އިޒްރޭލުގެ ނަސްލުހޭދު ކުރުންތައް އާންމު ކުރުމަށް ޝަޒްރާ އާއި ޝާދިޔާ ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެ ދެ ބޭފުޅުން ކުރި އެއް ކަމަކީ، ލީފްލެޓު ބެހުމެވެ. ބައެއް އެމްބަސީތައް ކައިރިއަށް ގޮސް މުޒާހަރާ ވެސް ކުރި އެވެ. އެ ބޭފުޅުން ވަޑައިގެންނެވި އެމްބަސީތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި އިނގިރޭސިވިލާތުގެ އެމްބަސީ ހިމެނެ އެވެ.
އެ އެމްބަސީތައް ކައިރިއަށް ވަޑައިގެން ވެސް އެ ދެ ބޭފުޅުން ލީފްލެޓް އެޅި އެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކުރަމުން އަންނަ މުޒާހަރާ ނުވަތަ އިހުތިޖާޖެއްގައި ކުރަމުން އަންނަ އާންމު ކަމެކެވެ. ސަރުކާރުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ނަގާ ކަމަކީ ވެސް އެއީ އެވެ. އެމްބަސީތަކުގެ ގޯތި ތެރެއަށް ލީފްލެޓު އެޅުން ސަރުކާރުން ސިފަ ކުރީ ސަފީރުންނަށް ޖެއްސުން ކުރުމުގެ ގޮތުގަ އެވެ.
ލީފްލެޓު އެޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސަފީރުންގެ ގެއަށް ލީފްލެޓު އެޅުން "ދުނިޔޭގެ ގާނޫނުގައި" ވެސް މަނާ ކަމަށެވެ.
"ދުނިޔޭގެ ގާނޫނުގައި ވެސް މަނާކަމެއް އެއީ ސަފީރުން ތިބޭ ގޭގެއަށް ގޮސް އެއްޗެހި އެޅުމަކީ. އެއްވެސް ގައުމެއްގައި އެގޮތަށް އެކަމެއް ނުކުރެވޭނެ،" ސެޕްޓެމްބަރުު 18، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހީމް ވިދާޅުވި އެވެ.
ޝަޒްރާ އާއި ޝާދިޔާގެ މައްޗަށް ދައުލަތުން ވަނީ ޖިނާއީ ދެ ދައުވާއެއް އުފުލައިފަ އެވެ. ގާނޫނު ފޮތް އެފުށްމިފުށަށް ޖަހައިގެން އެ ދެ ބޭފުޅުންގެ މައްޗަށް ކުރެވިދާނެ ދައުވާތަކެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފަށް ފެނިވަޑައިގަތީ، ދައުލަތުގެ "މަސައްކަތް ކުރަން ހުރަސް އެޅުމުގެ ދައުވާ" އާއި "އަޑުގަދަ ކުރުމުގެ" ކުށުގެ ދައުވާ އެވެ.
ދިވެހި ދައުލަތުން ޝަޒްރާ އާއި ޝާދިޔާގެ މައްޗަށް ކުރާ ދައުވާތައް:
ޝަޒްރާ އާއި ޝާދިޔާގެ މައްސަލައިގައި އެކި ދިމަދިމާލުން ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ. އޭގެ ތެރޭގައި މައި އިދިކޮޅު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އަދާލަތު ޕާޓީ ހިމެނެ އެވެ. އެ ދެ ބޭފުޅުން ހައްޔަރު ކުރުމުން އެކަން ކުށްވެރި ކުރުމަށްފަހު އެމްޑީޕީން ބަޔާނެއް ވެސް ނެރުނެވެ.
"ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާ ދެކޮޅަށް މެދުކެނޑުމެއްނެތި އަޑުއުފުއްލަވަމުން ގެންދެވި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރަން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ، ޝަޒްރާ އާއި ޝާދިޔާ ހައްޔަރު ކުރުމުން، ފަލަސްތީނުގެ ހައްގުގައި ކަމަށް ބުނެ ސަރުކާރުން ކުރާ ކަންކަމުގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވެފައިވާ ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ މިސަރުކާރުން ހިންގި އެއްވެސް އަމަލެއްގައި އިހުލާސްތެރިކަމެއް ނެތްކަން، މިހާތަނަށް މިސަރުކާރުން އަމަލު ކޮށްފައިވާ ގޮތަށް ބެލުމުން ވެސް ހާމަވޭ،" އެމްޑީޕީން ބުންޏެވެ.
ޝާދިޔާގެ ފިރިކަލުން ޑރ. މުހައްމަދު އިޔާޒް ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ބުނެފައި ވަނީ އެ ދެ ބޭފުޅުން ހައްޔަރު ކުރީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކުގެ އަޑު ރާއްޖެއިން ކަނޑުވާލުމުގެ ބޭނުމުގައި ކަމަށެވެ.
"އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް އިތުރު ފަސް ދުވަހަށް ބަންދު ކުރުމަށް ސަރުކާރުން އެދިގެން ނިންމި ނިންމުން ކުށްވެރިކުރަން. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާތަކުގެ އަޑު ރާއްޖެއިން ކަނޑުވާލުމަށް މި ސަރުކާރުން ހިންގާ ލާއިންސާނީ އަމަލެއް ކަމުގައި މި ޕާޓީއިން ދެކެން،" އަދާލަތު ޕާޓީން ބުންޏެވެ.
ޝަޒްރާ އާއި ޝާދިޔާއަށް ދައުވާ ކުރަން ދިވެހި ދައުލަތުން ނިންމުމުން އެކަމާ ދެކޮޅަށް ވަރަށް ގިނަ ބަޔަކު އަޑުއުފުލި އެވެ. އެ ދެ ބޭފުޅުން ތިބެންޖެހޭނީ ޖަލުގައި ކަމަށް ދައުލަތުން ދެކެންޖެހޭ ސަބަބެއް އެއްވެސް މީހަކަށް ނުވިސްނެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިޔާލުފާޅު ކުރި މީހަކު ބުނީ ޝަޒްރާ އާއި ޝާދިޔާއަށް ދައުވާ އުފުލީ ސަރުކާރުގެ ލަދެއް ނެތުމުން ކަމަށެވެ.
"ފަލަސްތީނުގަ އިސްރާއީލުން ހިންގުން ގެންދާ ގަތުލު ޢާންމު އާ ދެކޮޅަށް އިސްރާއީލުގެ ޕާސްޕޯޓް ބޭން ކުރަން ނުކެރުނު. ނަމަވެސް ފަލަސްތީނުގެ ހައްގުގަ ވާކާލާތު ކުރި ދެ އަންހެނުން ހައްޔަރު ނުކުރެވިގެން ދައުލަތުން ދުވަނީ ހާދަހާވާ ލަދެއް ނެތީމައޭ،" އިޔާޝާގެ ނަމުގައި ލިޔުނު މީހަކު ބުންޏެވެ.
އެ ދެ ބޭފުޅުންނަށް ދައުވާ ކުރުމުން އެހެން މީހަކު އެކަން ސިފަ ކުރީ ދީން ހިމާޔަތް ކުރާ ބަޔަކަށް ދައުވާ ކުރުމުގެ ގޮތުގައި ކަމަށެވެ.
"ދީނަށް ފުރައްސާރަ ކުރާ ކުދިން އިއްޒަތުގައި ފުރުވާލާފައި ދީން ދިފާއު ކުރާ ކުދިންނަށް ދައުވާ ކުރާ ސައްތައިން ސައްތަ އިސްލާމީ ގައުމަށް މަރުހަބާ،" އަހުމަދު ނައީމުގެ ނަމުގައި ވާހަކަ ދެއްކި މީހަކު ބުނެފައި އޮތެވެ.
ޝާދިޔާ އާއި ޝަޒްރާ އަށް ދައުވާ ކުރުމުން އެހެން މީހަކު އެކަން ސިފަ ކުރީ "ނުލަފާ" އަމަލެއްގެ ގޮތުގަ އެވެ.
"ނުލަފާކަން ކުޑައެއް ނޫންތަ! ފަލަސްތީނުގެ ހައްގުގައި އަޑު އުފުލި ފަރާތަކަށް ސިޔާސީ ދައުވާ އެއް ނޫންތޯ އެ ކުރަނީ. ޒާތީ ހަސަދަ!," ދަ ޑިމޮކްރެޓްސްގެ ނަމުގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އިތުރު މީހަކު ބުނީ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ މީހުންނަށް މި ސަރުކާރުން ދޭ "ހަދިޔާ" އަކީ ޖަލުގެ ކުޑަ ގޮޅި ކަމަށެވެ.
"ފަލަސްތީނުގެ ހައްގުގަ ވަކާލާތުކޮއް އަޑު އުފުލާ މީހުނަށް ދޭ ހަދިޔާ އަކީ ޖަލުގެ ކުޑަ ގޮޅިއަށް ވެއްޖެ. [ރައީސް މުއިއްޒު] ހުރީ އެމެރިކާ އާއި އިޒްރޭލުގެ ދަށުވެ ފިތިފަ،" ގައުމީ ދަރީގެ ނަމުގައި އެކްސްގައި ހިޔާލުފާޅު ކުރި މީހަކު ބުންޏެވެ.
~
ޝަޒްރާ އާއި ޝާދިޔާއަށް ދައުވާ ކުރުމަކީ ސަރުކާރުން ރައްޔިތުންނަށް ދޭ އަލިގަދަ ސިގުނަލެކެވެ. އެއިން އެ އަންގައިދެނީ ސަރުކާރުން ރުހޭ ގޮތަކަށް މެނުވީ އަސާސީ ހައްގުތަކުގެ ބޭނުން ނުކުރެވޭނެ ކަމެވެ. އަދި އެކަމުން އެ ފެންނަނީ ސަރުކާރުގެ އަތް ބަނދެވިދައިވާ މިންވަރެވެ. ބޭނުންވިޔަސް ނުވިޔަސް، ފަލަސްތީނުގެ ހައްގުގައި މާނަވީ ކަމެއް ނުކުރެވޭނެކަން ހާމަވެއްޖެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment