5 ނޮވެންބަރު 2024 - 19:25 0
ލީވާން އަލީ ނާސިރު
ދިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޑިމޮކްރެޓްސްއިން އަންނަނީ ސަރުކާރުން އަހަރެއް ތެރޭގައި ކުރި މަސައްކަތުގެ ރިޕޯޓެއް ނެރުމަށް ތައްޔާރުވަމުން -- ފޮޓޯ؛ އެކްސް
5 ނޮވެންބަރު 2024 - 19:25 0
ދަ ޑިމޮކްރެޓްސްއިން ސަރުކާރުން އަހަރެއް ތެރޭގައި ކުރި މަސައްކަތުގެ އަހަރީ ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޑިމޮކްރެޓްސްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ މެންބަރު ހުސެއިން އަމްރު ވިދާޅުވީ އަހަރީ ރިޕޯޓް ތައްޔާރު ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށާއި އެ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސަރުކާރުގެ ވުޒާރާތަކަށް ލިޔުމުން އެދޭނެ ކަމަށެވެ.
އަމްރު ވިދާޅުވީ ސަރުކާރަށް ފާރަވެރިވުމުގެ ގޮތުން ޑިމޮކްރެޓްސްގައި ސަރުކާރުގެ ވުޒާރާތަކާ އެލައިންވާ ގޮތަށް ހުރި ކޮމިޓީތަކުން ވުޒާރާތަކަށް ފާރަވެރިވާނެ ކަމަށާއި ވަރަށް ބޮޑަށް ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތައް ދިރާސާ ވެސް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް އިތުރަށް ފަށައިގެން މިހާރު ކުރިއަށް މިގެންދަނީ އަޅުގަނޑުމެންގެ ކޮމިޓީތައް އެކުލެވިފައި ހުރީ ވަރަށް ބޮޑަށް ވުޒާރާތަކާ އެލައިންވާ ގޮތަށް. މިސާލަކަށް ދަންނަވާ ކަމަށްވާނަމަ ފިނޭންސް ކޮމިޓީ، އެ ކޮމިޓީ ފާރަވެރިވާނެ ފިނޭންސް މިނިސްޓްރީއަށް،" އަމްރު ވިދާޅުވި އެވެ.
ޑިމޮކްރެޓްސްއިން ސަރުކާރު ޖަވާބުދާރީ ކުރުވުމާ ގުޅިގެން އަމަލު ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތައް ހޯދުމަށް ވޯކްޝޮޕެއް ވެސް ރޭ ކުރިއަށް ގެންގޮސްފައިވާއިރު، އެ ވޯކްޝޮޕްގައި ޑިމޮކްރެޓްސްގެ ކޮމިޓީތަކުން ކުރިއަށް އޮތް ތިން މަސް ދުވަހު އަމަލު ކުރާނެ ގޮތް ވެސް ވަނީ ނިންމާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ބޭނުންވާ މައުލޫމާތުތައް ނުދީ ސަރުކާރަށް ނުތިބެވޭނެ ކަމަށާއި މިހާތަނަށް އެކަން އެގޮތަށް ވެފައި އޮތީ ޑިމޮކްރެޓްސް ވެސް ހިމެނޭ ގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވޭތީ ކަމަށެވެ.
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕާޓީތައް ވަކިން ހާއްސަކޮށް އެމްޑީޕީއާ އެކު ޑިމޮކްރެޓްސްއަށް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ހަސަން ލަތީފް ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޑިމޮކްރެޓްސްއިން އަންނަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔައި، ވައުދުތަކާ ވެސް ހިލާފުވަމުން އަންނަ ކަމަށް ބުނަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment