5 ނޮވެންބަރު 2024 - 13:17 1
އަހުމަދު އާއިދު
ކޮންސްޓްރަކްޝަން މިނިސްޓްރީން، މަގުތަކުގެ ފީސިބިލިޓީ ހަދަން އައި ޗައިނާގެ ޓީމާ ބައްދަލުކުރަނީ ---- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
5 ނޮވެންބަރު 2024 - 13:17 1
މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ތަރައްގީކުރަން ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ހަދަން ޗައިނާގެ ޓީމަކުން ރާއްޖެ އައިސް ސަރުކާރާ އެކީ މަޝްވަރާތައް ފަށައިފި އެވެ.
މިނިސްޓްރީން އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަސައްކަތަށް ރާއްޖެ އައީ ޗައިނާގެ ސަރުކާރުން ފޮނުވި އެކްސްޕާޓުންގެ ޓީމެއް ކަމަށެވެ. މި ޓީމުން ރާއްޖެ އައީ ނޮވެމްބަރު 3، ގަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މި ޓީމާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ޓީމު ލީޑކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދު އެވެ. މި ބައްދަލުވުމުގައި އެ ވުޒާރާގެ ޓެކްނިކަލް ޓީމުން ވެސް ބައިވެރިވި އެވެ.
މިނިސްޓްރީން ބުނީ ޗައިނާގެ ޓީމުން ފީސިބިލީޓީގެ މަސައްކަތް ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން ނޮވެމްބަރު 21، އާ ހަމައަށް ކަމަށެވެ. މި މަޝްރޫއުގެ ފީސިބިލިޓީގެ މަސައްކަތް ފެށި ނަމަވެސް އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް އަދި އަމަލީ މަސައްކަތް ކުރާނެ ކުންފުންޏެއް ވެސް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެ އެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ތަރައްގީނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ތަކުރާރުކޮށް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލަތައް ހައްލުކުރަން ހިންގާ މަޝްރޫއުގެ އަގު 100 އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް މިނިސްޓަރު މުއްތަލިބު މި އަހަރު ޖެނުއަރީ މަހު ވިދާޅުވި އެވެ.
އޭގެ ފަހުން، އެ މަޝްރޫއު ޗައިނާއިން ހިލޭ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރުން ކުރި ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފަ އެވެ.
މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ވިލިމާލޭގެ މަގުތަށް ތަރައްގީކުރުމަށް ހަދަންޖެހޭ ޑިޒައިން އަދި ސާވޭ ހެދުމުގެ މަސައްކަތް ސަރުކާރުން ޖެނުއަރީ 4، ގައި ރޯޑް ޑިވެލޮފްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާވެސް ހަވާލުކުރި އެވެ. ނަމަވެސް އެ މަސައްކަތުގެ އަދާހަމައެއް ހާމަކޮށްފައެއް ނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment